މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެންމެ ފުރަތަމަ މި ފުރުސަތު ހުޅުވާލީ މިދިއަ އޯގަސްޓް މަހުގެ 14 އިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު މުއްދަތު އިތުރު ކޮށް އިނާމަށް ކުރިމަތިލުން މިހާރު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އިނާނު ދިނުމަށް ކަނޑައަޅާފައިވާ 8 ދާއިރާއެއް ވެއެވެ. އޭގެ ތެރޭގައި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ، އަދި ފީޗަރ ލިޔުމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާ ހޮވާ އިނާމު ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި އިނާމުތަކަށް ކުރިމަތިލުމަށް ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު ހުށަހަޅަންޖެހެއެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، " މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ހިމަނާފައިވާ ކަންކަމާ އެއްގޮތަކަށް ފޯމާއެކު ލިޔެކިޔުންތައް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.