ގުޅިފައިވާ އިއްތިހާދުގެ ވެރިކަމެއްގައި ނަފްސާނީ ބަލިތަކުން ތަޙައްމަލު ކުރާ ފަރާތްތަކަށް ޚާއްސަ ސެންޓަރެއް ހުޅުވައި، އެތަނުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ކެންޑިޑޭޓް އިބޫ ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ނ. ވެލިދޫގައި އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ސިޔާސީ ނިޒާމަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ. އިބޫ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެވޭނީ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ސިއްހީ ޚިދުމަތް އާސަންދައިން ދިނުމަށް ކަމަށެވެ.
އަދި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް އިބޫ ވަނީ އަނެއްކާވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ ގާނޫނީ ނިޒާމެއް އެކަށައަޅައި ފުރިހަމަ ގޮތުގައި ތަންފީޒް ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އަދި ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމަށް އާސަންދައިގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ދިގު މުއްދަތުގެ ވިސާގައި އުޅޭ ދިވެހިންނަށް އެގައުމުތަކުގައި އާސަންދަ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ.