Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރައީސް ޔާމީން ތިނަދޫއަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން ގދ. ތިނަދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތިނަދޫގައި ތަރައްގީ ކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވުމުގެ އިތުރުން ތިނަދޫގައި ތަރައްގީ ކޮށްފައިވާ މިއުޒިއަމް ޕާކް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ރަށު ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވެއެވެ. އަދި ތިނަދޫ މަގު ހެދުމުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން، ތިނަދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތައް ހަވާލުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް މިހާރު ވަނީ ދަތުރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމް ވެސް ގެންދަވަނީ ކެމްޕޭން ދަތުރުތައް ކެނޑިނޭޅި ކުރައްވަމުންނެވެ.