ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ތިބި މެމްބަރުން ޕާޓީ ދޫކޮށް، ދެކޮޅަށް ނިކުތުމުން އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އިއުތިރާފްވެ ވަޑައިގެންފިއެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ފަހު އިދިކޮޅާއި ގުޅިވަޑައިގެންނެވި 13 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު މެމްބަރުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އަޑުއުފުލާފައެވެ.
ރައީސް ޔާމީން މިއަދު ގދ. ތިނަދޫގައި ވާހަކަ ދައްކަވަމުން ގޮނޑި ގެއްލުވާލީ އެމަނިކުފާނު ކަމަށް ވިދާޅުވެފައިވާއިރު ތިނަދޫއަށް ނިސްބަތްވާ ދެ މެމްބަރުންގެ ގޮނޑިވެސް ވަނީ "ގެއްލުވާލާފައެވެ."
ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ގޮތެއް ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ. ނަމަވެސް އަދިވެސް މައްސަލައިގެ ގޮތެއް ނިންމާފައެއް ނުވެއެވެ.
މެމްބަރުން ވަނީ ގޮނޑި ގެއްލުވާލާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ކުރިން ވިދާޅުވެފައެވެ. ސަބަބަކީ ގާނޫނު ފާސްކުރުމުގެ ކުރިން އެމެމްބަރުން ވަނީ ޕީޕީއެމުން ވަކިވާން ސިޓީ ހުށައަޅާފައި ކަމަށް މެމްބަރުން ބުނެފައިވެއެވެ.
ނަމަވެސް ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ޕީޕީއެމުން ވަނީ އެ މެމްބަރުން ވަކިނުކޮށް، ގާނޫނު ފާސްކުރުމަށް ފަހު ވަކިކޮށްފައެވެ. ނަމަވެސް އެމްޑީޕީ އަދި ޖޭޕީ އިން ޕީޕީއެމްއާ ގުޅުނު މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާކަން ފާހަގަކޮށްލެއެވެ.