ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުން ނޫން އިތުރު ގޮތެއް ރައްޔިތުންނަށް މިފަހަރު ނެތް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެއްޖެއެވެ.
ކެމްޕޭނު ދަތުރެއްގައި މިހާރު ރައީސް ޔާމީން ގދ. ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ގައުމުގެ ހާލަތު އޮތް ގޮތާއި ލިބިފައިވާ ކުރިއެރުމަށް ބަލާނަމަ އެމަނިކުފާނު އިންތިޚާބުކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ.
އަދި އިންސާފުގެ މީޒާނުން ކިރާކަމުގައި ވާނަމަ އެމަނިކުފާނު ނޫން ބޭފުޅަކަށް ވޯޓު ދިނުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި ތަރައްގީއާއެކު ކުރިއަށް ދިއުމަށް އެއްވެސް ރައްޔިތަކު ނޫނެކޭ ބުނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ތިނަދޫ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިޚާބުކޮށްފިނަމަ، ތިނަދޫއަށް ގެންނަވާނެ ތަރައްގީ އެހެން ރަށަކާ ކައިރިވެސް ނުކުރެވޭނެ ކަމަށެވެ. އަދި މިއަދުވެސް މާލެ ނަގާފައި ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީ ވެފައި އޮތް ރަށަކީ ވެސް ތިނަދޫ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.