ރިޔާސީ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ތ. އަތޮޅު މަޑިފުއްޓާއި ދިޔަމިގިލި ގުޅައިދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަޑިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ފައިސަލް ވިދާޅުވީ އެ އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބިމުގެ ދަތިކަމާއި ވަޒީފާގެ ދަތިކަން ކަމަށާއި، މަޑިފުއްޓާއި ދިޔަމިގިލީގެ ގިނަ ރައްޔިތުން އެދެމުންދަނީ އެ ދެރަށް އެއްފަސްގަނޑަކުން ގުޅައިދީ ބިމުގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކަމަށެވެ.
އަދި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ މިއެދުން ފުއްދައިދިނުމަށްޓަކައި ދެރަށް ގުޅައިދީ ބިމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ފައިސަލް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ތ. މަޑިފުށި ކައިރިންވެސް ބައެއް ރަށްތައް މީހުންނާ ހަވާލުކޮށްފައިވީ ނަމަވެސް، އެއިން އެއްވެސް ރަށެއްގައި މަސައްކަތް ފަށާފައި ނުވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި އެރަށްތަކުގައި މަސައްކަތް ފަށައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ޒުވާނުންނަށް އެދާއިރާއިން ކުރިއަށް ދެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވުލާލީ ޚުދު ރައީސް ޔާމީންގެ މަސައްކަތްޕުޅުންކަން އެމަނކުފާނު އަމިއްލަފުޅަށް މިއަދު އިއުތިރާފުވެޑައިގެންފައިވާތީ، ފައިސަލް ވަނީ އެކަން ކުށްވެރިކުރައްވައި ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ފައިސަލް ވިދާޅުވީ އެތައްހާސް ރައްޔިތުންތަކެއްގެ އަޑު މަޖިލީހާ ހަމައަށް ނުފޯރާނެހެން ހުރަސް އެޅުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާފައި ތިއްބެވި މެންބަރުންނަށް ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުސަތު ފުރިހަމައަށް ދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށް ހުރި ތަނަކަށް ހައްދަވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.