ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފްރަތު އުފެއްދުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިބޫ ބައެއް ކަންކަން ފާހަގަ ކުރައްވަނީ އެ ގޮތަށް ހާމަ ނުކުރައްވަނީސް ފުލުހުން އޭގެ ޖަވާބު ރައްޔިތުންނަށް ނުދެއްވާތީ ކަމަށެވެ.
އަދި ފުލުހުންގެ އަގު ވެއްޓޭނެ އެންމެ ބޮޑުކަމަކީ ޤައުމެއްގެ ވެރިއަކަށް ހުންނަ މީހެއް ނުކުމެ އެ މުއައްސަސާ ވަނީ ކޮރަޕްޓްވެފައި ކަމަށް ބުނުމުން ކަމަށާއި، ފުލުހުން އެ މައްސަލަ ތަހުޤީޤު ކުރަންތޯ މާރިޔާ ވަނީ ސުވާލު ކުރައްވާފައެވެ.
މާރިޔާ އެހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ވަނީ ކޮރަޕްޓްވެފައި ކަމަށް ވިދާޅުވެ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުންނެވެ. އެއީ ރައީސް ޔާމީން ހެއްދެވި އިތުރުފުޅެއްތޯ ނުވަތަ އޮޅުވާލަން ދެއްކެވި ވާހަކައެއްތޯ ޔަގީން ކުރަން ބޭނުންވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ފުލުހުން ދައްކާ ވާހަކަތަކުގެ ސަބަބުން މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދިފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ފުލުހުންގެ ފަރާތުން މި ވަގުތު އަޑު އަހަން ބޭނުންވާ ވާހަކަތަކަކީ އިންތިޚާބުގެ ކަންކަން ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވާހަކަތައް ކަމަށެވެ.
އަދި ގއ. ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތުހުމަތުގައި އިދިކޮޅަށް ނިސްބަތްވާ 18 ސަޕޯޓަރުން ފުލުހުން ހައްޔަރުކުރި މައްސަލައަށް އިޝާރާތްކުރައްވަމުން މާރިޔާ ވިދާޅުވީ ފުލުހުންނާ މެދު އިތުބާރު ގެއްލެނީ ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ.
މާރިޔާ މިހެން ވިދާޅުވިއިރު، ފުލުހުންނާއި ގުޅޭގޮތުން ނ. މާޅެންދޫގައި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށާއި، އެކަން ތަހުޤީޤުކޮށް ސާބިތުވެެއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.