Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

"ރައީސް ޔާމީންގެ ޖަރީމާއަށް މަޢާފެއް ނެތް!"

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުތިރާފްވެވަޑައިގެންފައި ވާތީ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ފަހު އިދިކޮޅާއި ގުޅިވަޑައިގެންނެވި 13 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު މެމްބަރުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އަޑުއުފުލާފައެވެ.

ރައީސް ޔާމީން މިއަދު ގދ. ތިނަދޫގައި ވާހަކަ ދައްކަވަމުން ގޮނޑި ގެއްލުވާލީ އެމަނިކުފާނު ކަމަށް ވިދާޅުވެފައިވާއިރު ތިނަދޫއަށް ނިސްބަތްވާ ދެ މެމްބަރުންގެ ގޮނޑިވެސް ވަނީ "ގެއްލުވާލާފައެވެ." ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ގޮތެއް ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ. ނަމަވެސް އަދިވެސް މައްސަލައިގެ ގޮތެއް ނިންމާފައެއް ނުވެއެވެ.

މެމްބަރުން ވަނީ ގޮނޑި ގެއްލުވާލާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ކުރިން ވިދާޅުވެފައެވެ. ސަބަބަކީ ގާނޫނު ފާސްކުރުމުގެ ކުރިން އެމެމްބަރުން ވަނީ ޕީޕީއެމުން ވަކިވާން ސިޓީ ހުށައަޅާފައި ކަމަށް މެމްބަރުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުގެ މުހައްމަދު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ ކެމްޕެއިން ނިމިގެން މިދަނީ ރައީސް ޔާމީން ހިންގެވި ހުރިހާ ޖަރީމާތަކަށް އަމިއްލަ ދޫފުޅުން އިއުތިރާފްވެވަޑައިގެން ކަމަށެވެ.

"ٱلۡحَمۡدُ لِلَّهِ! 23 ސެޕްޓެމްބަރަށް ފަހު ދެން އޮތީ އިންސާފު ޤާއިމްވެގެން ދިޔުން. ޔާމީން އަށް އޮންނާނީ ހަމަ ޖަލު ގޮޅި. إن شاء الله‎"، އަމީތުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަމީތު ވިދާޅުވީ ގޮނޑި ގެއްލުވާލި ކަމަށް ރައީސް ޔާމީން ވިދާޅުވުމަކުން އަދި ނުފުދޭ ކަމަށާއި އެކަން ކުރެއްވީ ކޮން ޤާނޫނެއްގެ ދަށުން ކަން ދައްކަވަން ޖެހޭނެ ކަމަށެވެ. އަދި އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މެމްބަރުންނަށް މަޖިލީހަށް ވަނަނުދީ ހިފެހެއްޓީ އެތައް ހާސް ރައްޔިތުންނެއްގެ ޙައްޤުތައް ނިގުޅައިގަތުމުގެ ބޭނުމުގައި ކަމަށާއި، އެކަމަށް އިންސާފު ލިބިދޭން ޖެހޭނެ ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޔާމީން އެ ޖަރީމާ ހިންގިކަން އެމަނިކުފާނުގެ އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާތީ، ގޮނޑި ގެއްލުވާލި 13 މެމްބަރުންނަށް މަޖިލީހަށް ވަދެވޭގޮތް ހައްދަވައި ދެއްވުމަށް އަމީތު ވަނީ ސުޕްރީމް ކޯޓަށް ގޮވާލައްވާފައެވެ.

އަމީތުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވައިފަ އެވެ.

"ރައީސް ޔާމީންގެ ތިޔަ ކުނި ވާހަކައަށް 12 މެމްބަރުން ދަރެކޭވެސް ހީނުވޭ! ތިއީ މަނިކުފާނުގެ ފެންވަރު. 23 ސެޕްޓެމްބަރު ގައި ވެރިކަމުން ގޮނޑިން ނަގާ އެއްލައިލާނީ ނޯޝުން ރޮއްވަމުން!"، މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ތަހުޤީޤުތައްކޮށް، އެމަނިކުފާނާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން އެ ދައްކަވާ ވާހަކަފުޅުތަކަކީ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ދައްކަވައިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށާއި، އެފަދަ ވާހަކަތައް ބުއްދި ސަލާމަތުން ހުރި މީހަކު ނުދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ހިންގަވާ ޖަރީމާތައް ބެލޭނެ ދުވަހެއް އަދި އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވެސް ރައީސް ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓޭއްގައި ވިދާޅުވެފައި ވަނީ ތިނަދޫ އަށް ގެންނެވި ތަރައްޤީގެ ހިއްސާ އޮތީ އޭނާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަތުގައި ކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

އަދި އަބްދުﷲ އަހްމަދު ވިދާޅުވީ ތިނަދޫގެ ރައްޔިތުން ރައީސް ޔާމީން އަށް އިޚްލާސްތެރިކަމާއެކު ދޭންޖެހޭ ވޯޓެއް ނެތް ކަމަށާއި، ފަހުގެ ތާރީޚުގައި ތިނަދޫގެ ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތި ކުރުވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"ރައްޔިތުންގެ ބަސްބުނުން، ރައްޔިތުންގެ އަޑު އިއްވުން ވަނީ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައި"، އޭނާގެ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ވިދާޅުވީ ތިނަދޫގައި ރައީސް ޔާމީން އެހާ ބޮޑަށް ކޯފާ އިސް ކުރެއްވީ މަދު އަދަދެއްގެ ބަޔަކު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތުމުން ކަމަށާއި، މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ހައިސިއްޔަތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމަށެވެ.