Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމްގެ "ރަސްމީ ސައިޒު" ކާނިވަލަށް ނުކަތާނެތީ އެހެން ތަނެއް ހޯދަނީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަށް އަތޮޅުތަކުން ގެންނަ ސަޕޯޓަރުންގެ އަދަދު ގިނަކަމުން، ކާނިވާ ސަރަޙައްދަށް ނުކަތާނެތީ ޖަލްސާ ބާއްވާނެ އެހެން ތަނެއް ހޯދަމުން އަންނަ ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ޕާޓީގެ ބޮޑު ޖަލްސާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭގެ ހުރިހާ ރަށަކުން ފާޅު ކުރަމުންދާ ކަމަށާއި، ނަމަވެސް އަތޮޅުތަކުގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން ގެނެސްގެން މާލޭގައި ޖަލްސާއެއް ބޭއްވޭ ވަރުގެ ހުސް ޖާގައެއް ނެތް ކަމަށެވެ.

އަދުރޭ ވިދާޅުވީ ކާނިވާ ސަރަޙައްދަށް ޕީޕީއެމްގެ ސަޕޯޓަރުން ނުކަތާނެ ކަމަށާއި، އެއަށް ވުރެ ޕީޕީއެމްގެ ސަޕޯޓަރުން މާ ގިނަ ކަމަށެވެ.

އަދުރޭ ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އުތުރުން ދެކުނަށް އަތްފުނާ އަޅައިގެން 1000 ހާމީހުން ކާނިވަލަށް ޖަމާ ކުރެވުނަސް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ރައްޔިތުން މާ ބޮޑަށް ގިނަ ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ބޮޑު ޖަލްސާއަށް އަތޮޅުތަކުން އެކަނިވެސް 20،000 ރައްޔިތުން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ޕީޕީއެމް އިން ޚަރަދު ނުކޮށް އަމިއްލަ ޚަރަދުގައި އަންނަ ފަރާތްތައް ކަމަށާއި، މާލޭގެ ރައްޔިތުން ހިމަނައިގެން އެ އަދަދު އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.