Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަދީބުގެ ވާހަކަތައް ތެދުނަމަ، ޔާމީން ތައުބާވާން ޖެހޭނެ: ޑރ.އިޔާޒް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ތެދު ކަމަށްވާނަމަ އެކަމަށް ތައުބާވެ، ތައުބާ އިއުލާނު ނުކުރާނަމަ އިސްލާމީ ގައުމެއްގެ ވެރިކަންކުރުމުގެ ޝަރުތު ފުރިހަމަ ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ފިނިފެންމާ ލޯންޗުގައި ހިނގާދިޔަ ހާދިސާގެ ހަގީގަތް އަދީބު ކިޔާދޭންޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެން އަދީބު ވަނީ ސިލްސިލާ ބަޔާންތަކެއް ނެރުއްވަން ފައްޓަވާފައެވެ.

އެގޮތުން އަދީބު ނެރުއްވަން ފެއްޓެވި ސިލްސިލާ ބަޔާންތަކުގެ ތެރެއިން ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަކީ ވަރަށް ބޮޑަށް ފަންޑިތަވެރިކަމާ ހުރާފާތްތައް ގަބޫލުކޮށް އެއަށް ތަބާވެ ބަރޯސާވާ ރައީސެއްކަމަށެވެ. އަދި ސިހުރުހާހޫރައިގެ ގިނަ ކަންތައްތަކެއް ރައީސް ޔާމިން ކުރައްވާފައިވާ ކަމަށް އަދީބު ވަނީ ތުހުތަމުކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ޑރ އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަދީބް، ރައީސް އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއްކަމަށްވާނަމަ، އެކަންކަމުން ތައުބާވާން ޖެހޭ ކަމަށާއި، ތައުބާ އިއުލާން ކުރަންޖެހޭ ކަމަށެވެ.

ޑރ. އިޔާޒު ވިދާޅުވީ ތައުބާ އިއުލާނުނުކުރާނަމަ އިސްލާމީ ގައުމެއްގެ ވެރިކަންކުރުމުގެ ޝަރުތު ފުރިހަމަނުވާނެކަމަށެވެ. އަދި ވެރިކަމުގައި ދެމި ހުރުމުގެ ޝަރުތު ވެސް ރައީސް ޔާމީންގެ ހަމަނުވާނެކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

33 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ނެރުއްވި މިބަޔާނާއި ގުޅިގެން ރައީސް ޔާމިންއާއި، މިސަރުކާރަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ.