ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެ ސިޓީގައި ވައްކަމާއި ފޭރުން އަދި މާރާމާރީގެ މައްސަލަތައް އިތުރުވެ މަގުތަކުގެ އަމާންކަން ގެއްލިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި، މިދިޔަ މަހުގައޮ ހިނގާދިޔަ މާރާމާރީތައް ވަނީ 28 އިންސައްތަ އިތުރުވެފައެވެ. އަދި އެއިދާރާއަށް 75 މާރާމާރީގެ މައްސަލަ ހުށައެޅިފައިވާއިރު 54 މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.
މީގެ އިތުރުން ޖުލައި މަހާ އަޅާ ބަލާއިރު ނިމިގެން ދިޔަ އޮގަސްޓޫ މަހުގައި ވައްކަމުގެ މައްސަލަ ހުށައެޅުނު މިންވަރުވެސް ވަނީ ފަސް އިންސައްތަ އިތުރުވެފައެވެ.
މާލޭގެ މަގުތަކުގައި ދުވާލެއް ރޭގަނޑެއް ތަފާތެއް ނެތި، ފޭރުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ވަނީ އަންހެނެއްގެ އަތުން ސައިކަލަކުން ދިޔަ މީހަކު ލާރި ދަބަހެއް ވެސް ފޭރިގަނެފައެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ވެސް މިދިޔަ މަހު އިތުރު ވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ބަލަން ފެށި މަސްތުވާތަކެތީގެ މައްސަލަ 240 އަށް ވުރެ ގިނައެވެ. އޭގެ ކުރީ މަހުގައި މިއަދަދު ހުރީ 163 ގައިކަން ފާހަގަކޮށްލެވެއެވެ.
މާރާމާރީއެއްގައި މިދިޔަ މަހުވެސް އުމުރުން 18 އަހަރުގެ ދިވެހި ޒުވާނަކު ވަނީ ނިޔާވެފައެވެ. ޒުވާނާ މަރާލުމުގެ ކުށުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
ކުށް ގިނަ ވަނީ އިންތިޚާބާ ދިމާކޮށް ކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެއީ ވަކި ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ކުރުވާ ކަމެއް ކަމަށް ދޭހަވާ މޭރުމުން ރައީސް ވާހަކަ ދައްކަވާފައިވި ނަމަވެސް އެމަނިކުފާނު ވަނީ އެކަން ކުރުވަނީ ވަކި ބަޔެކޭ ވިދާޅުނުވާނެ ކަމަށް ހަމަ އެދުވަހު ވިދާޅުވެފައެވެ.