21 ވަނަ ގަރުނުގައި ޑިކްޓޭޓަރުންނަށް ޖާގައެއް ނެތްކަމަށް އިއްތިހާދުގެެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޯކައިދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި އިބޫ ވަނީ ރައީސް ޔާމީން ވެރިކަން ހިންގަމުންދާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އިބޫ ވިދާޅުވީ، 21 ވަނަ ގަރުނުގައި ޑިކްޓޭޓަރުންނަށް ޖާގައެއް ނެތްކަމަށެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަން ސާބިތު ކޮށްދެމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ހިނގަމުންދަނީ ޚުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ އިއްތިހާދުގެ ކެންޑިޑޭޓް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން (އިޔޫ) އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ދެކޮަޅަށް ތެދުވެ، އަދި ދޭދޭ ޤައުމުތަކާއި ބޮޑެތި ޤައުމުތަކާއި ގުޅުން ކަނޑާލައިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.
ފޯކަައިދޫ އަށާއި، އަދި ށ. އަތޮޅުގެ ރަށްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ކޮއްދެއްވާނެ ބައެއް ކަންކަން އިބޫ ވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އިބޫ ވިދާޅުވީ، އިއްތިހާދުގެ ވެރިކަމެއްގައި ފޯކައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ފޯކައިދޫއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި އެރަށުގައި ބަނދަރު ރަނގަޅުފެންވަރަކަށް ތަރަށްޤީކޮށް، ފެނާއި ނަރުދަމާ ޤާއިމްކޮށް، އަދި އިންޖީނުގެވެސް އެހެން ބިމެއްގައި ރަނގަޅު ފެންވަރަކަށް އިމާރާތް ކުރުން ހިމެނެއެވެ. އަދި ށ. ބިލަތްފަހީގައި އެއާޕޯޓެއް އަޅައި، ށ. އަތޮޅުގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ނަަަލަންދޫގައި ރިސޯޓެއް ތަރަށްޤީކޮށް، ނޫމަަރާ، ނަަރުދޫ އަދި މާއުނގޫދޫ އަދި ފުނަދޫވެސް ހިމެނޭގޮތުން ށ. އަތޮޅުގެ ރައްޔިިތުންނަށް ސީދާގޮތުގައި ފައިދާކުރާނެގޮތަށް ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކައުންސިލް އިދާރާ ހުންނާނީ ފުނަދޫގައި ކަމަށްވެސް ވިދާޅުވިއެވެ.
ފައިސާއިން ވައްކަން ކުރިނަމަވެސް ވޯޓުން ވަައްކަންކުރުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވަނީ ދިވެހި ރައްޔިތުން މިއަދު ތިބީ ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ.
މިމަހުގެ 23ގައި ނަގާ ވޯޓަށްފަހު ދިވެހިންގެ ހާސްކަން ފިލުވާލައި، އަަމާން ރާއްޖެއެއް ދިވެހިންނަށް ހޯދަދޭނެެ ކަމަށްވެސް ވިދާޅުވެފަ އެވެ.