ތަރައްގީ ގެންނާނީ ދަރިންގެ ދަރިންގެ ބޮލުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި އެޅޭ ގޮތަށް ނޫން ކަމަށް ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެރޭ ވިލުފުށީގައި ބޭއްވި އިއްތިހާދުގެ ޚާއްސަ ޖަލްސާގައެވެ.
ގޯތި ގެދޮރުގެ ދަތި ކަމަކީ ވިލުފުށީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމުން އެކަމަށް އެބޭފުޅުންގެ ސަރުކާރެއްގައި ހައްލު ހޯދައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން އިއްތިހާދުގެ ސަރުކާރެއްގައި ވިލުފުށީ ޒުވާނުންނަށް ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ.
2013 ވަނަ އަހަރު ވިލުފުށީގައި 100 ގެ އެޅުމުގެ މަޝްރޫއެއް ފެށުނުކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ، މިގޮތަށް ކުރީ ސަރުކާރުން ފަށާފައިހުރި ވަރަށް ގިނަ ކަންކަން މިސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންތެރި އެފަދަ ކަންކަން އަލުން ފަށައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ފެންވަރު ދަށްކޮށް ހިންގައި ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުން ކަންތައް ކުރައްވާ ގޮތްތަކަށް ބައްލަވާލެއްވިއެވެ.
"މަގުގައި ތާރު އަޅައިފިއްޔާ ތިން ދުވަސް ފަހުން ހުންނަނީ ތާރުގަނޑު ކެނޑި، އަޑިގުޑަންވެފައި. މިއީ އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ކަންކުރަންވާނެ ގޮތެއް ނޫން. އަޅުގަނޑުމެން ހިންގާ މަޝްރޫއުތަކާއި ތަރައްގީގެ ކަންކަން ހިންގާނީ އޭގެ ހަމައަގުގައި. ބްރިޖެއް ހަދައިފި ކަމަށް ވަންޏާ އޭގެ ދެގުނަ، ހޮސްޕިޓަލެއް ހަދައިފި ކަމަށް ވަންޏާ އޭގެ ހަމައަގުގެ ތިންގުނަ ހޭދަކޮށް ޚިޔާނާތަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކޮށްފައިވަނީ. އަޅުގަނޑުމެން ރައްޔިތުންގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން" ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގެ ހުރި ސްކޫލްތަކުގެ ހާލަތު ވަރަށް ދަށް ކަން ފާހަގަ ކުރައްވާ އެކަންތަކަށް އިއްތިހާދުގެ ސަރުކާރެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ތ. ވިލުފުށީ ސްކޫލްގައި ޕްރިންސިޕަލެއް ނެތި އަހަރު ވަމުންދާ ކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
"މިރަށުގެ މައިންބަފައިންނާއި މުދައްރިސުންނަށް އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ތައުލީމީ ނިޒާމު ވަރުގަދަކޮށް، މުދައްރިސުންނަށް ހަމަޖެހިލައިގެން ތިބެ ދަރިވަރުންނަށް އުނގަންނައިދެވޭނެ މަގުތަނަވަސްކޮށްދީ، އެމާހައުލު އަޅުގަނޑުމެން ގާއިމުކޮށްދޭނަން. ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދޭނަން" ފައިސަލް ވިދާޅުވިއެވެ.
ވިލުފުށީގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ކުރިއަށް ގެންދެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި އިއްތިހާދުގެ ސަރުކާރެއްގައި ވިލުފުށީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން އެކަން ދައްކާނެ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރުކާރުން ދައްކާ ބިރަށް ފަހަތަށްނުޖެހި ކުރިއަށް ދިއުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.