Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ނަވާޒް ޝަރީފްގެ އަނބިކަނބަލުން ނިޔާވެއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފްގެ އަނބިކަނބަލުން ކުލްސުމް ނަވާޒް ނިޔާވެއްޖެއެވެ.

ލަންޑަނުގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކުލްސުމް ނިޔާވީ އުމުރުން 68 އަހަރުގައެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރުމަށް ފަހު ކުލްސުމް ވަނީ ބައި-އިލެކްޝަންގައި ލާހޯރުގެ އެސެމްބްލީގެ ގޮނޑިއަށް ކުރިމަތިލައްވާފައެވެ.

ގޮނޑި ކުލްސުމް ކާމިޔާބު ކުރި ނަމަވެސް އާލާސްކަންފުޅުގެ ސަބަބުން ޕާކިސްތާނަށް ވަޑައިގެން ހުވާކުރުމުގެ ފުރުސަތެއް ނުލިބުނެވެ. ކުލްސުމް ވަނީ އެ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ސިއްހީ ހާލަތު ގޯސްވެ، ލަންޑަނަށް ފަރުވާ ހޯދުމަށް ފުރާފައެވެ.

ނަވާޒް ޝަރީފް ވަނީ މިހާރު ކޮރަޕްޝަނުގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ނަވާޒަށް ދުވަހަކުވެސް ޕާކިސްތާނުގެ ވެރިކަމަށް ވަޑައިނުގަނެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.