Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އިންޓަނެޓްގެ އަގު 30 ޕަސެންޓް ހެޔޮ ކުރާނަން: ރައީސް ޔާމީން

ފޮޓޯ: އަވަސް

ދެވަނަ ދައުރެއް ލިބިއްޖެނަމަ ރާއްޖޭގެ އަމިއްލަ ސަބްމެރިން ކޭބަލެއް ހޯދައްވާނެ ކަމަށާއި އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިހެން ރައީސް ޔާމީން ވިދާޅުވީ "އެންމެން ހިޔާ ޔަގީން"ގެ ނަމުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަތުމަށް އިންވެސްޓް ކުރަނީ އެ ބޭނުންކޮށްގެން ހިނގާ ހުރިހާ ޑޭޓާއެއްގެ އަގު މިހާރުގެ އަގަށްވުރެ 30 ޕަސެންޓް ހެޔޮ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންވީމަ އެކަން ކުރަން އަޅުގަނޑުމެން މި އިވެންސްޓް ކުރަނީ، އެކަމަށް މިހާރު ވާނީ ވާހަކަ ވެސް ދައްކާފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލެ އައިސީޓީ ޕާކްތަކަށް ވެގެން ދާނެ ކަމަށެވެ. ވިޔަފާރިތަކާއި އެހެން ވެސް ކަންކަމަށް އައިސީޓީއިން ތަމްރީނު ކުރާ ޒުވާނުން ބޭނުންވާ ކަމަށެވެ.

މިކަމަށް އިންވެސްޓް ކުރާއިރު އަބަދު އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލްއިން ޓްރާންސްމިޓް ވާކަށް ބޭނުންފުޅު ނުވާ ކަމަށާއި، ވާން ޖެހޭނީ އަޅުގަނޑުމެންގެ އެއްޗަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ހިއްކާނެ ގޮތެއް ނެތީމަ މަހާޖައްރާފު ވެސް ގެނައީ، ތެޔޮ ނެތީމަ ބޮޑު ޓޭންކަރު ވެސް ހެދީ، އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމަ ސަބްމެރިން ކޭބަލަށް ވެސް އިންވެސްޓް ކުރާނެ މި ރައީސް،" ރައީސް ޔާމީން ވިދާޅުވި އެވެެ.

ރައީސް ޔާމީން ވިދާޅުވީ، ސްމާޓް ކޮންސެޕްޓަކަށް ތަރައްގީކުރާ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދާނެ ކަމަށާއި އެތަން އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އިންޓަނޭޝަނަނަލް ބިޒްނަސް ބާރަށް ހިނގާނެ ހަބަކަށް ވެގެން ދާނެ ކަމަށެވެ.