Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މި ޒަމާނުގެ ތަރައްގީގެ ތައާރަފެއް ޔާމީންގެ ސަރުކާރަކަށް ނޭނގޭ: އިބޫ

ފޮޓޯ: އަވަސް

މި ޒަމާނުގެ ތަރައްގީގެ ތައާރަފެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ނޭނގޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރޭ ވިދާޅުވެއްޖެ އެވެ.

ށ. ފޯކައިދޫގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެ ރޭ އިބޫ ވިދާޅުވީ، ތަހުޒީބު މުޖުތަމައުތަކުގައި ތަރައްގީ މިނެ ކިރަނީ ލިބޭ އާމްދަނީ އާއި ތަނުގަ އޮންނަ މަސްލަހަތާއި މިނިވަންކަމާއި ފުއްދުންތެރިކަމާއި ލިބޭ އެއްޗަކުން ދަރަނި ދެއްކުމުގެ މައްޗަށް ކަމަށެވެ.

"މިއިން އެއްވެސް ކަމެއްގައި ކޮންކްރީޓާއި ދަގަނޑުގެ ވާހަކައެއް ނާދޭ، ތަނުގައި އަމާންކަމާއި ހަމަޖެހުން އޮންނަ މިންވަރެއްގެ މައްޗަށް ތަރައްގީ މިނެ ކިރަނީ، އަޅުގަނޑުމެން ގެންނަން މި އުޅެނީ އެ ތަރައްގީ،" އިބޫ ވިދާޅުވި އެވެ.

މިއަދު މި ރާއްޖޭގެ ހާލަތަކީ އެއް ބަޔަކު ތިބީ ކުލި ނުދެއްކި ހާސްކަމެއްގެ ތެރޭގައި ކަމަށާއި އަނެއް ބަޔަކު ބޭސް ފަރުވާ ނުލިބި އެކަމުގެ ހާސްކަމުގެ ތެރޭގައި ކަމަށެވެ. މަސްވެރިންނާއި އޮޑިވެރިން ތިބީ ނެގި ލޯނު ނުދެއްކި ކަމަށެވެ. މައިންބަފައިން ތިބީ ދަރިން މަސްތުވާތަކެތީގެ ވަބާގައި ތިބުމުން ކަމަށެވެ. ޒުވާނުން މަގު މައްޗަށް ނުކުންނަން ނުކުރި ތިބީ ވަޅި ޖަހައިދާނެތީ ކަމަށެވެ.

މިއީ މި ރާއްޖޭގެ ހާލަތު އޮތް ގޮތް ކަމަށާއި މިހެން ގޮސް މި ލިސްޓް ވަރަށް ދިގުކޮށް އެ މަނިކުފާނަށް ވިދާޅުވެވިދާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ކުރުކޮށް ވިދާޅުވާނަމަ ދިވެހިން މި ތިބީ މި އަނިޔާވެރި ސަރުކާރުގެ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ކަމަށާއި، އިއްތިހާދުން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާނީ ރައްޔިތުންގެ ހާސްކަން ފިލުވައި މި ރާއްޖެއަކީ އަމާން ރާއްޖެއަކަށް އަނެއްކާވެސް ހަދައިދޭނެކަން ކަމަށް އިބޫ ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރަށު ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން އެނގޭނީ ރައްޔިތުންނަށް ކަމަށާއި އެކަންކަން ކުރުމުގެ ބާރާއި އިހްތިޔާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމްކޮށް ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.