Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ބްރިޖު މުހިންމު، އަސާސީ ޚިދުމަތް މާ މުހިންމު: އިބޫ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް ށ. ފީވަކު ރައްޔިތުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބްރިޖަކީ މުހިންމު އެއްޗެއް ކަމަށާއި، އެހެންނަމަވެސް ހުރިހާ ރައްޔިތުންނާސް ހަމަހަމަ ކަމާއެކު އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ އެއަށްވުރެ މާ މުހިންމު ކަމެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފީވަކަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އިބޫ ވިދާޅުވީ މި ސަރުކާރަށް ތަރައްގީ ވަޒަން ކުރަން ނޭނގޭ ކަމަށާއި، ހުރިހާ ޕާޓީގެ އަމާޒަކީ އެއް އަމާޒެއް ކަމަށެވެ.

އިބޫ ވިދާޅުވީ ޤައުމެއް ތަރައްޤީ ކުރާއިރު އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއާޕޯޓްވެސް އަޅަންޖެހޭ ކަމަށާއި، ސިނަމާލެ ބްރިޖަކީ ވެސް އެޅުން މުހިންމު އެއްޗެއް ކަމަށާއި، ނަމަވެސް މައްސަލައަކީ އެކަމުންވެސް ބޭކާރު ޚަރަދުކޮށްފައިވާތީ ކަމަށެވެ.

"ތަރައްޤީ ތަރުތީބު ކުރާއިރުގައި އެއީތޯ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ؟" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކޮށްދޭނެ ކަމަށާއި، މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމައި ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، ވަޒީފާގެ ބިރަށް ނުތިބެ މިއަދު ފެނިގެންދަނީ އެންމެވެސް އިދިކޮޅު އިއްތިހާދާއެކު މި ވެރިކަން ނިންމަން އެއް އަޒުމެއްގައި ތިބި މަންޒަރު ކަމަށެވެ.

ރައްޔިތުންގެ ނިންމުން ތަންފީޒުވާނެ ކަމަށާއި، ވޯޓުލާން ހުރިހާ ރައްޔިތުން ވެސް ނިކުންނެވުމަށް އިބޫ ގޮވާލެއްވި އެވެ. އަދި ވޯޓު އޮޅުވާލުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި، އެއީ މި ސަރުކާރުގެ ސިޔާސަތު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.