Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން 13 މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ - ފޮޓޯ: އާކައިވް

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުތިރާފްވެވަޑައިގެންފައި ވާތީ، އެ މައްސަލަ ބަލައިދިނުމަށް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ޤާނޫނީ އެއްވެސް ބާރެއް ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާ ކަމަށާއި މިއީ މުއައްސަސާތަކަށް ނުފޫޒް ފޯރުވައިގެން ހިންގެވި ޖަރީމާތަކެއް ކަމަށެވެ. އަދި އަމީތު ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންނާ ސިފައިންނަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރުން ޕީޕީއެމް އަށް ވަޑައިގެންނެވިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިހާރު ވެސް ބައެއް މެމްބަރުން ޕީޕީއެމްގައި އެބަތިއްބެވި ކަމަށެވެ. ރައީސް ޔާމީން ގެންގުޅުއްވަނީ ކަނޑުގެ ޤާނޫނު ނުވަތަ ޖަންގަލީގެ ޤާނޫނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ރައީސްކަން ކުރެއްވުމުގެ ޝަތުރު ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި ފުރިހަމަވޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިންތައް ފަހަނައަޅާފައިވާކަން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައި ވާތީ، އެމައްސަލަ ފުލުހުންނާއި ސިފައިން ބަލަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ކޯޓުގެ އެއްވެސް ކަމަކާ ބެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތިނަދޫގައި ދެއްކެވި ވާހަކަފުޅުން ހާމަވާ ކަމަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ހާލަތުއް ޟަރޫރޫރާއޭ ވިދާޅުވެ ކަންކަން ކުރައްވާފައިވާކަން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި މެމްބަރުން ނުކުންނެވީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރައްވާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ޚިދުމަތްތަކުގެ އަގުބޮޑުވެ މުޅި މަޖިލިސް ފާލުން ނެއްޓުމުން ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ކަންކަމުގެ ސަސަބުން ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ގޮނޑި ގެއްލުވާ ނުލެވޭނެ ކަމަށެވެ.

އަދި ހުރިހާ ކަމަކަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވަމުން ދާ ކަމަށާއި، ސަލާމަތީ ބާރުތަކުން ރައީސް ޔާމީން ހައްޔަރު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފް ވިދާޅުވިއިރު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށާއި އެއްވެސް މުއައްސަސާއަކުން އެކަން ނުކުރެވޭ ކަމަށް ވަންޏާ ރައްޔިތުން ނުކުމެ ކުރަން ޖެހޭ ކަމަށެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީން އެފަދަ ވާހަކަތައް ދައްކަވަނީ ބުއްދި ނެތިގޮސްފައިވާތީ ކަމަށާއި، ފުލުހުންނާއި ސިފައިން ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައްވާ ކަމަށެވެ.