ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޙަރަކާތްތައް ހިންގުމަށް މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗް ދޫކޮށްދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ހައުސިންގ މިނިސްޓްރީގައި އެދިއްޖެ އެވެ.
އެމްޑީޕީ އިން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ23 ސެޕްޓެމްބަރު 2018 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް، ހޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން އިން ބަލައިގެންފައިވާ ކަމަށެވެ.
އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަކަމާ އިންސާފްވެރިކަމާއެކު ކެމްޕެއިން އަދި ސިޔާސީ ޙަރަކާތް ހިންގުމަށް ފުރުސަތު ލިބިގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ދީފައިވާތީ، އެމްޑީޕީގެ ފަރާތުން ކެމްޕެއިން ޙަރަކާތެއް ބޭއްވުމަށްޓަކައި 13، 14، 15، 20، 21 އަދި 22 ސެޕްޓެމްބަރު 2018، މި ދުވަސްތަކުގެ ހެނދުނު 06:00 އިން މެންދަމު 00:00 އަށް އާޓިފިޗަލް ބީޗް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތަކަށް ތިން އަހަރު ދުވަހަށް ފަހު ހައުސިންގ މިނިސްޓްރީން ހުސް ބިމެއް ދޫކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އިއްތިހާދުގެ ބޮޑު ޖަލްސާ ވެގެންދިޔައީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާއަށެވެ.