ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ފުލުހުން ތަހްގީގު ކުރާނެކަމަށް ބުނުމުން ޖަރުމަނުވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޮއާން ރޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުގެ މައްސަލައެއް ކުއްލިއަކަށް ފުލުހުން ބަލަން ފެށުމުން ކަންބޮޑުވާކަމަށާއި، ސެޕްޓެމްބަރ 23 ވަނަ ދުވަހު މިނިވަން އިންސާފުވެރި އިންތިހާބެއް ދިވެހިންނަށް ލިބޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ނ. މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގައްލާދޫ ކަނޑު ހުރަސްކުރަނިކޮށް ދޯންޏެއް ދިޔަވެ، އަޑިއަށްދާން ފެށުމުން ފުލުހުންނަށް ގުޅައި ދޯނި އަޑިއަށް ދާކަމަށް ބުނުމުން ފަހުން އެދޯންޏަށް ގުޅައި އިބޫ ތާއިދު ކުރޭތޯ ދޯނީގެ ވެރިފަރާތަށް ގުޅައި އަހާފައިވާ ކަމަށާއި، އެއަށް މިވަގުތު ޖަވާބު ދެވެން ނެތްކަމަށް ވެރިފަރާތުން ބުނުމުން ލޯންޗެެއް ނެތްކަމަށް ފުލުހުން ބުނިކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އިބޫ ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ އެވާހަކަ ދޮގުކޮށްފައެވެ. ފުލުހުން ބުނީ އެ ހާދިސާ އަކީ މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ހިނގި ކަމެއް ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އިބޫ ދެއްކެވި ވާހަކަތައް ތަހްގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.