ރާއްޖޭގެ ދީނީ އިލްމުވެރިންގެ %98 ތާއިދު ކުރައްވަނީ ރައީސް ޔާމީނާއި ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ކުރެއްވި ޓްވީޓާއި ގުޅިގެން އިލްމުވެރިންތަކެއް ނިހާންއަށް ރައްދު ދީފިއެވެ.
Dheenee ilmuverin ge 98% thaaeedhu othee #YameenShaheem2018 pic.twitter.com/0HBT23aSJU
— Ahmed Nihan (@ahmed_nihan) September 12, 2018
ރައީސް ޔާމީނާއި، ޝަހީމުގެ ފޮޓޯއަކާއި އެކު ހަދާފައިވާ ޕޯސްޓަރުގައިވަނީ 66 ދީނީ އިލްމުވެރިއަކު ރައީސް ޔާމީނާއި ޝަހީމްއަށް ތާއިދު ކުރައްވާކަމަށް ލިޔެފައެވެ. މި ޕޯސްޓަރ އެންމެ ފުރަތަމަ ޓްވީޓު ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ އަލީ ޝަރީފުއެވެ.
ދީނީ 66 އިލްމުވެރިންގެ ފޮޓޯ އާއި އެކު އަލީ ޝަރީފު ޕޯސްޓަރ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއި އެކުހެން އެ ލިސްޓުގައި ހިމެނޭ ބައެއް އިލްމުވެރިން ވަނީ މައްސަލަ ޖައްސާފައެވެ. އެގޮތުން އަހާލުމެއް ހުއްދައެއް ނެތި އެބޭފުޅުންގެ ފޮޓޯ ބޭނުން ނުކުރުމަށް އެދިފައިވެއެވެ.
އެމައްސަލަ ފެންމަތިވެފައިވަނިކޮށް ނިހާނު އަލުން އެ ޕޯސްޓަރ ޓްވިޓާގައި ހިއްސާ ކުރުމުން އޭގެ ތެރެއިން ބައެއް އިލްމުވެރިންވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.
ނިހާނުގެ ޕޯސްޓަށް ރައްދު ދެއްވައި ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ނާޒިހު ވިދާޅުވީ އޭނާގެ ނަމާއި ފޮޓޯ ބޭނުން ކޮށްފައިވަނީ ހުއްދަ ހޯދުމެއް ނެތި ކަމަށާއި އެކުޅިގަނޑު ވަގުތުން ހުއްޓާލުމަށެވެ.
"މީ ކަނޑައެޅިގެން ދޮގެެއް، މީގަ އަޅުގަނޑުގެ ފޮޓޯ ޖެހީ އަޅުގަނޑަށް އެއްވެސް ވަރަކަށް އެނގުމެއް ނެތި، އަހުމަދު ނިހާން ހަސަން މަނިކު ތި ކުޅުއްވާ ކުޅިގަނޑުގައި، އަޅުގަނޑުގެ ފޮޓޯ ނުވަތަ ނަން ވިޔަސް ބޭނުން ނުކުރުމަށް އެދެން"
މީގެ އިތުރުން ޝެއިހް މުހައްމަދު ޝަމްއޫނު ވެސް ވަނީ ނިހާންމެން ކުޅޭ ކުޅިގަނޑާ އެބޭފުޅާ ދުރުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި ޝެއިހް މުހައްމަދު ޠޮއްޔިބު އާއި އިތުރު އިލްމުވެރިން ވަނީ އެކުޅިގަނޑު ހުއްޓާލުމަށް ގޮވާލާފައެވެ.