Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް: ޕާކިސްތާން ބަލިކޮށް ފައިނަލްގެ ފަހު ޖާގަ އިންޑިޔާ އަށް

ސާފް ސުޒުކީ ކަޕްގައި މިރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަވައްޓެރި ޕާކިސްތާން ބަލިކޮށް ފައިނަލްގެ ފަހު ޖާގަ އިންޑިޔާއިން ކަށަވަރުކޮށްފިއެވެ.

އިންޑިޔާއިން މިމެޗުން 3-1 އިން މޮޅުވިއިރު އެޓީމުގެ މަންވީރް ސިންގ ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑުޖަހައިދިނީ ސުމީތު ޕަސީ އެވެ. ޕާކިސްތާނުގެ ހަމައެކަނި ގޯލް ޖަހައިދިނީ ހަސަން ބަޝީރު އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި މިހާތަނަށް ބޭއްވުނު 11 މުބާރާތުގެ ތެރެއިން އިންޑިޔާއިން މިމުބާރާތުގެ ފައިނަލަށް ދަތުރުކުރި 10 ވަނަ ފަހަރެވެ. މީގެތެރެއިން، ހަތް ފަހަރު އެޓީމުން މިމުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނާއި އިންޑިޔާ އަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް މެޗުގެ ކުރީކޮޅު އިންޑިޔާއިން ވަނީ ޑޮމިނެޓްކޮށްފައެވެ. ހާފު ނިމެންދަނިކޮށް ޕާކިސްތާނުން އިންޑިޔާގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައިވެއެވެ.

މިމެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އިންޑިޔާ އަށް ލީޑް ނަގައިދިނީ މަންވީރް ސިންގ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި މަންވީރް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އިންޑިޔާއަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މެޗު ނިމެން ހަމިނެޓަށްވެފައިވަނިކޮށް އިންޑިޔާގެ ފަހު ލަނޑު ޖަހައިދިނީ އާޝިގް ކުރުނިޔަން ތަނަވަސްކުރި ފުރުޞަތަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސުމީތު ޕަސީ އެވެ.

ޕާކިސްތާނަށް ސުން ކަނޑުވާލައިދިނީ 88 ވަނަ މިނެޓުގައި ހަސަން ބަޝީރު އެވެ. މިއީ އިންޑިޔާގެ ކުޅުންތެރިން ނުވިސްނާ ތިބި ވަގުތެއްގައި އޭގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި އިންޑިޔާގެ ލަލިއަންޒުއާލާ ޗަންގްޓޭ އާއި ޕާކިސްތާނުގެ ޑިފެންޑަރު މުހްސިން އަލީ އަށް ތައިލެންޑްގެ ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިމުބާރާތުގެ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ އިންޑިޔާ އާއި ދިވެހިރާއްޖެ އެވެ. މިމެޗު ފަށާނީ މާލޭގަޑިން އިރުއޮއްސި 6:00 ގައެވެ.