Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

މުވައްޒަފުން ވަޒީފާއިން ވަކިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން: އިބޫ

ނާއިންސާފުން ބިރު ދައްކައިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ށ. މިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރާ ފަރާތްތަކަށް އިއްތިހާދެއްގެ ވެރިކަމުގައި ވަޒީފާ ދޭނެކަމަށާއި ލިބުނު ގެއްްލުމުގެ ބަދަލު ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިބޫ ވިދާޅުވީ ވަޒީފާގެ ބިރަށް ނުތިއްބަވައި، މިއަނިޔާވެރިކަން ނިންމަން ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. "މިއީ ގައުމީ މަސައްކަތެއް، ހުރިހާ ބޭފުޅުންވެސް ނިކުންނަވަންވީ، ނިކުމެވަޑައިގެން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް އަނބުރާ އިރާފަ ކުރެއްވިއްޔާ އަޅުގަނޑު މެންގެ ވެރިކަމުގައި، އެ ވަޒީފާ އަނބުރާ ލިބޭނެ"

ރޭ ށ. އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ފެނަކައިގެ މުވައްޒަފު މުހައްމަދު ޝިޔާމު މިއަދު ވަޒީފާއިން ވަކި ކުރިކަން ވިދާޅުވެ އިބޫ ވިދާޅުވީ ނާއިންސާފުން މުވައްޒަފުންނަށް ބިރު ދައްކައި ވަޒީފާއިން ވަކި ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްްޗަށް ގެންނާނެކަމަށެވެ.

އިބޫ ވިދާޅުވީ ޝިޔާންޓޭގެ ފަރާތުން ހިތްވަރު ލިބިގެން ރައްޔިތުން ނިކުންނަންވީ ކަމަށެވެ.