Last Updated: June 10, 20:48
Wednesday, June 10, 2026
ކުޅިވަރު

ބާސާގެ އާ ޖާޒީ ސަޕޯޓަރުންނަށް ކަމަކު ނުދިޔަ!

ސްޕެއިންގެ ބާސެލޯނާއިން މިސީޒަނުގައި ކުޅެން ނެރުނު ތިންވަނަ ޖާޒީ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ޖާޒީއަކަށް ނުވެ، ހަޖޫޖެހުމާއި ނުރުހުން އަމާޒުވެއްޖެއެވެ.

ނައިކީއިން ތައްޔާރުކުރި ބާސާގެ ތިންވަނަ ޖާޒީ މިފަހަރު ހުރީ ފިޔާތޮށި ކުލައިގައެވެ. ސަޕޯޓަރުންނަށް ޖާޒީގެ ކުލައިގެ އިތުރުން ޑިޒައިނުވެސް ކަމަކުނުދިޔައެވެ.

ޓުވިޓާއާއި އެހެނިހެން ސޯޝަލް މީޑިޔާތަކުގައި ޖާޒީއަށް ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ޖާޒީގެ އަގު ބޮޑު ކަމުންވެސް އިތުރު ފާޑުކިޔުންތައް ނައިކީއަށް ވަނީ އަމާޒުވެފައެވެ. މިޖާޒީ ވިއްކުމަށް ހަމަޖެހިފައިވަނީ 100 ޕައުންޑަށެވެ.

ބާސާގެ އިތުރުން މިފަހަރު އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ތިންވަނަ ޖާޒީވެސް ތައްޔާރުކޮށްފައިވަނީ ފިޔާތޮށި ކުލައިންނެވެ. ޔުނައިޓެޑު ސަޕޯޓަރުންގެ މެދުގައި ޖާޒީގެ މަގުބޫލުކަމާމެދު ހިޔާލު ތަފާތުވެފައިވި ނަމަވެސް އެހެންއަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޔުނައިޓެޑުގެ ޖާޒީ ވިކިގެން ކުލަބާއި އެޑީޑާސްއަށް ވަނީ ބޮޑު ފައިދާއެއް ވެފައެވެ.