Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

އެޕަލްގެ އާ އައިފޯނުތައް ކަމުދޭތަ؟

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ މަތީ ދަރަޖައިގައި ފިޔަ ޖަހަމުން އަންނަ އެޕަލް ކުންފުނިން ރޭ، އެމީހުންގެ އެންމެ އާ އައިފޯން ސީރީސް ދައްކާލައިފިއެވެ.

މިފަހަރުވެސް އެޕަލް އިން ތިން އާ އައިފޯން ރިލީޒް ކޮށްފައިވާއިރު އެހެން އަހަރުތަކެކޭ ޚިލާފަށް މިފަހަރު ވަނީ ބަޖެޓް ފޯނެއް ނުވަތަ އާންމު އަގާ އަޅާ ބަލާއިރު އަގު ހެޔޮ ފޯނެއް ނެރެފައެވެ. އައިފޯން އެކްސް އާރްގެ ނަމުގައި އެޕަލް އިން އުފެއްދި މި އައިފޯނަކީ ވެސް ފޭސް އައިޑީ އަދި އިންފިނިޓީ ޑިސްޕްލޭއާއެކު ތައްޔާރުކުރެވުނު ފޯނެކެވެ.

މިއާއެކު އެޕަލް އިން ވަނީ އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރުވެސް ކުރިން ނުނެރޭ ފަދަ އަގުބޮޑު ފޯނެއް ވެސް ނެރެފައެވެ. 1،099 އެމެރިކާ ޑޮލަރުން ފެށޭ މިފޯނުގެ އަގު ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އައިފޯން އެކްސްގެ އަގު ފަހަތަށް ޖައްސާލާފައެވެ.

އައިފޯން އެކްސް އެސް މެކްސް ކިޔާ މި އައިފޯނަކީ މިހާތަނަށް އެޕަލް އިން އުފެއްދި އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އައިފޯނެވެ. 6.5 އިންޗު ސްކްރީނު ދިގު މިނުގައި ހުންނައިރު މިފޯނަކީ ހަތަރު ޖީބީގެ ރެމްއެއް ވެސް އެކުލެވޭ ފޯނެކެވެ.

އެޕަލް އިން ދެން ރިލީޒް ކޮށްފައިވަނީ އައިފޯން އެކްސްއެވެ. މި ފޯނުގެ ސައިޒަކީ 5.8 އިންޗެވެ. ނަމަވެސް އެކްސް އެސް މެކްސްއާ ފޯނުގެ އެހެނިހެން ބޭނުންތަކާ އަޅާ ބަލާއިރު މާ ބޮޑު ތަފާތެއް ނެތެވެ.

އެޕަލް އިން ވަނީ އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސްއަށް މިފަހަރު 512 ޖީބީގެ އިންޓާނަލް ސްޓޮރޭޖެއް ގާއިމް ކޮށްފައެވެ. މީގެ ފޯނެއްގައި 2 ލައްކަ ފޮޓޯ ނަގައި ރައްކާ ކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މީގެ އިތުރުން މިފަހަރުވެސް ފޯނުތަކުގެ ކެމެރާ އިތުރަށް ވަރުގަދަ ކޮށްފައިވާއިރު އެޕަލް އިން ބުނެފައިވަނީ މިފަހަރުގެ ކެމެރާގައި ކުރިން އެހެން އެއްވެސް ފޯނެއްގައި ނުހިމެނޭ ފީޗާސްތައް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޕޯޓްރެއިޓް ކޮށް ނަގާ ފޮޓޯގައި ބެކްގްރައުންޑު ބޭނުން ގޮތަކަށް ބްލާ ކޮށްލަން ފުރުސަތު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރޭ ވަނީ އެޕަލްގެ އާ ގަޑި، އެޕަލް ވޮޗް ސީރީޒް 4 ވެސް ދައްކާލާފައެވެ. ކުރީގެ ގަޑިތަކަށް ވުރެ މިފަހަރު އަގުބޮޑު ކޮށްފައިވާއިރު އެޕަލް އިން ބުނެފައިވަނީ ކުރީގެ ގަޑިތަކަށް ވުރެ މިފަހަރުގެ އުފެއްދުން މާ ފުރިހަމަ ވާނެ ކަމަށެވެ.