ހުޅުމާލެ ރެހެނދި ސްކޫލުގެ ގިނަ ޓީޗަރުންނާއި މުވައްޒަފުން ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށްފިއެވެ.
އިބޫއާއެކު ސްކޫލުގެ ގިނަ ޓީޗަރުންނާއި މުވައްޒަފުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރަން ނިންމާފައިވަނީ އިބޫއަށް ކަމަށް ވަނީ ބުނެފައެވެ.
އަދި މިބައްދަލުވުން ނިންމާލުމަށް ފަހު ޓީޗަރުންނާއި މުވައްޒަފުން ވަނީ އިބޫއާއެކު ފޮޓޯއެއް ވެސް ނަގާފައެވެ. އިބޫ ވަނީ ވަޒީފާގެ ބިރު މިސަރުކާރުން ދެއްކި ނަމަވެސް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
އަދި ސިޔާސީ މަންފާއެއް ހޯދުމަށް މިސަރުކާރުން ވަކިކުރާ ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް އިއްތިހާދުގެ ސަރުކާރެއްގައި ވަޒީފާ އަނބުރައި ހަމަޖައްސައި ދޭނެ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.
މީގެ ކުރިން އިސްކަންދަރު ސްކޫލުގެ ގިނަ ޓީޗަރުންތަކެއް ވެސް ވަނީ އިބޫއަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. އަދި ގދ. ތިނަދޫ ފެނަކަ ކޯޕަރެޝަނުގެ ވަރަށް ގިނަ މުވައްޒަފުން ވެސް ވަނީ އިބޫއަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ.