Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ޔާމީނަށް މަރުހަބާ ކިޔަން މާލޭގެ ތަރައްޤީ ފެންނަ ފޮޓޯތައް ޖެހުމުން ފާޑުކިޔުން!

އައްޑޫ ސިޓީއަށް މިއަދު ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ލިންކް ރޯޑުގައި ބެހެއްޓި ފޮޓޯތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ފޮޓޯތަކުން ފެންނަނީ މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ.ޝަހީމްގެ ފޮޓޯއެއްގައި "ތަރައްޤީ އާ ޒަމާނަކަށް" ލިޔެފައިވާ ފޮޓޯއެއް ވެސް ވަނީ ބަހައްޓާފައެވެ. އެ ފޮޓޯ އާއި ޖެހިގެން ބަހައްޓާފައިވާ ފޮޓޯއިން ފެންނަނީ މާލޭގައި އަޅާ ކިންގް ސަލްމާން މިސްކިތް އަދި ސިނަމާލެ ބްރިޖާއި މާލޭގައި 40 އެއްހާ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި އާޓިފިޝަލް ބީޗެވެ.

މި ފޮޓޯތައް ބެހެއްޓުމުން އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ ދައުރުގައި އައްޑޫއަށް އެއްވެސް ކަމެއް ކޮށް ނުދިނުމުން މާލޭގައި ހިންގި މަޝްރޫޢުތަކުގެ ފޮޓޯ އެމަނިކުފާނަށް މަރުހަބާ ކިޔަން ބެހެއްޓުމަކީ އައްޑޫ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި މިފޮޓޯތައް ބެހެއްޓީ މާލެއިން އައި ޕީޕީއެމްގެ ވަފުދެއްގެ އެންގުމަށް އައްޑޫގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ.

"ޔާމީނުގެ ވެރިކަމުގައި އައްޑޫގައި އެންމެ އެނދެއް ވެސް އިތުރެއް ނުވޭ. ދެން ފަތުރުވެރިކަން ކުރިއަރުވަމޭ ކިޔާފައި ކީކޭތަ މިކިޔަނީ." ލިންކްރޯޑުގައި "ތަރައްޤީ އާ ޒަމާނަކަށް" މި ޝިއާރުގެ ދަށުން ބަހައްޓާފައިވާ ރިސޯޓުތަކުގެ ވާހަކަ ލިޔެފައިވާ ފޮޓޯއަށް ފާޑުކިޔަމުން ސޯޝަލް މީޑިޔާގައި މީހަކު ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އައްޑޫއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދިފައެއް ނުވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށާއި އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް ވި ވައުދު މިހާތަނަށް ވެސް ފުއްދިފައެއް ނުވެއެވެ. އަދި އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމަށް ބަޖެޓް ހަމަޖެހިފައި ވަނިކޮށް ސާކް ސަމިޓަށް ބޭނުންކުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެ މަސައްކަތް ވެސް އަދި ނުނިމެއެވެ.