މީގެ ދެއަހަރު ކުރިން އައްޑޫގައި ރަސްމީކޮށް ފަށާފައިވާ ސޯލާ މަޝްރޫއު މިއަދު ރައީސް އަބްދުﷲ ޔާމީން އައްޑުއަށް ވަޑައިގެން އަނެއްކާ އިފްތިތާހު ކުރަން ނިންމައިފިއެވެ.
އަވިން ކަރަންޓު އުފައްދަން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ސޯލާ މަޝްރޫއު ރަސްމީކޮށް ފަށާފައިވަނީ 2016 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހުގައެވެ.
ހިތަދޫ ސްކޫލުގައި ރަސްމީކޮށް މިމަޝްރޫއު ފެށީ އެންވަޔަރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. ދެއަހަރު ކުރިން ފަށާފައިވާ މަޝްރޫއެއް މިއަދު އަނެއްކާ ފައްޓަވައި ދެއްވަނީ އައްޑޫއަށް ރައީސް ޔާމީން ކޮށްދެއްވި ކަމެއް ނެތުމުން ކުރާ ކަމެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސޯލާ މަޝްރޫއު 2016 ވަނަ އަހަރު ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރ ތޯރިގް ވިދާޅުވެފައިވަނީ އައްޑޫގައި ދުވާލު ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ ސޯލާއަށް ބަދަލުވެގެން ދާނެ ކަމަށެވެ.
އަދި މުޅި ރާއްޖޭގައި 2018 ވާއިރު މި އަމާޒަށް ވާސިލު ކުރުމަކީ އަމާޒެއް ކަމަށް އޭރު މިނިސްޓަރ ތޯރިގް ވިދާޅުވި ނަމަވެސ އެ އަމާޒަށް ވާސިލުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.