Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް މައުމޫންގެ ގުރުބާނީއަށް ޝުކުރު ދަންނަވަން: މަހްލޫފް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިވެހި ގައުމަށްޓަކައި ވެވަޑައިގަންނަވާ ގުރުބާނީއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފަށްފަށުން ޝުކުރު ދަންނަވައިފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 82 އަހަރުފުޅުގައި ޖަލުގައި އޮންނެވުމަކީ ވަރަށް ގަދަ އަދި ގަޓު ހުރި ކަމެއް ކަމަށެވެ. އަދި މިކަމުން ދައްކުވައިދޭ ކަމަކީ ރައީސް އަބްދުﷲ ޔާމީން އަދި މައުމޫންގެ ކޮއްކޯފުޅުގެ ފިނޑިކަން ކަމަށް ވެސް މަހޭ ވިދާޅުވިއެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހު ރައީސް މައުމޫން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްުޔަރުކޮށްފައިވާއިރު މައުމޫންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅި ކަމުގެ ކުށް ސާބިތުވެ އެއް އަހަރާއި 7 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން ރިޝްވަތުގެ ތުހުމަތުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޓެރަރިޒަމްގެ ތުހުމަތުގައި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ފެބްރުއަރީ މަހުގައި ހައްޔަރުކޮށްފައެވެ. ދެބޭފުޅުންގެ މައްޗަށް ވެސް ކުށެއް ސާބިތުވެފައިނުވާ ހާލު ޖަލުގައި ބަންދުކުރުމަކީ ގަސްދުގައި ދެވޭ އަނިޔާއެއް ކަމަށް ބުނެ އިދިކޮޅު ސަޕޯޓަރުން ވަނީ ރައީސް ޔާމީނަށާއި މިސަރުކާރަށް ފާޑުކިޔާފައެވެ.