މާލޭގައި މީގެ ދުވަސްތަކެއް ކުރިން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން އަތް ދަބަހެއް ފޭރިގަތް މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ސީސީޓީވީ ކެމެރާ ފުޓޭޖެއް ސޯޝަލް މީޑިޔާގައި އާންމުވެ ގިނަ ބަޔަކު ވަނީ މަގުމަތީގެ އަމާންކަން ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ދެފިރިހެނުން ވަނީ އަންހެން މީހާ ދުއްވާފައިދަނިކޮށް އަތް ދަބަސް ޖަހައިގަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ފުރަތަމަ ފަހަރު ކާމިޔާބު ނުވުމުން ސައިކަލު މަޑު ކުރުމަށް ފަހު އެކަކު ވަނީ ސައިކަލުން ފައިބައިގެން އައިސް އަންހެން މީހާ އަތުން ގަދަކަމުން ދަބަސް ޖަހައިގެންފައެވެ.
އެވަގުތު އެތާ އާންމު މީހުން ތިބި ނަމަވެސް އެއްވެސް މީހަކު އަންހެން މީހާގެ މަދަދުގައި އެހީތެރިވުމަށް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އެވާހަކަ ސޯޝަލް މީޑިޔާގައި ވައިރަލް ވުމާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ބަލަމުންދާ ކަމަށާއި އެފަދަ ވީޑިއޯ އަދި ފުޓޭޖު ސޯޝަލް މީޑިޔާގައި އާންމު ކުރުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ފުލުހުންނާ ހިއްސާ ކުރުމަށް އެދިފައެވެ.
މިމައްސަލާގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އިތުރު މީހަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.