Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޕީޕީއެމް އައްޑޫ އިސްވެރިންގެ ފަރާތުން ރައީސް ޔާމީނަށް ފުރައްސާރަ އާއި މަލާމާތް!

ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ހިތަދޫގައި ވަރަށް އާދައިގެ ގޮތަކަށް ޖަހާފައި ހުރި ބެނާއެއް. މިކަމާއި ގުޅިގެން މާލެއިން އައި ވަފްދުން ވަނީ ނުރުހުންފާޅުކުރުމުން މި ބެނާތައް ވަނީ ނަގާފައި.

ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑޫއަށް ވަޑައިގަންނަވާ އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމް އައްޑޫ އިސް ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތައް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އައްޑޫއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅާއި ދިމާކޮށް ހިތަދޫ ލިންކު ރޯޑުގެ އަރިމަތީގައިވަނީ ބެނާތަކެއް ހަރުކޮށްފައެވެ. ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ މި ބެނާތައް ހަރުކޮށްފައިވަނީ ހިމަ ދަނޑިކޮޅުތަކެއް ބިމަށް ޖަހައިގެންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީން ބޮޑެތި ތަރައްޤީ ގެނެސްދެއްވާފައިވާ ކަމަށް ޕީޕީއެމްއިން ބުނަމުން އަންނަ އިރު އެމަނިކުފާންގެ ވެރިކަމުގައި އައްޑޫއަށް ތަރައްޤީގެ ބިޔަ މަޝްރޫޢެއް ގެނެސްދީފައި ނުވެއެވެ.

އެހެންވެ މި ބެނާތަކަކީ އެމަނިކުފާންއަށް ޕީޕީއެމްގެ އައްޑޫ ވެރިންގެ ނުރުހުން އޮތް މިންވަރު ދައްކަން ޖެހި އެއްޗެހި ތަކެއް ކަމަށްވެސް ސޯޝަލ މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިގޮތުން މާލެ ސަރަހައްދުގައި މާސިންގާ ބްރިޖެއް އަޅައި، 25 ބުރީގެ ހޮސްޕިޓަލް އެޅުއްވި ރައީސަކަށް ޕީޕީއެމް އައްޑޫން މިފަދަ ގޮތަކަށް މަރުހަބާ ކިޔާއިރު ފޭދޫ ކޮޅުގައިވެސް ޖަހާފައިވަނީ މާލެއަށް ގެނެސްދެއްވާފައިވާ ތަރައްްޤީގެ ފޮޓޯތަކެވެ.

ރައީސް ޔާމީނަށް މިފަދަ އިހާނެތި ގޮތަކަށް ޕީޕީއެމްއިން މަރުހަބާ ކިޔާއިރު ޕީޕީއެމް ހިތަދޫގެ ބައެއް އިސް ފަރާތްތަކަކީ ރައީސް މައުމޫންއަށް ތާއިދު ކުރެއްވި ފަރާތްތަކެވެ. އެހެންވެ ވޯޓަށް 10 ދުވަހަށް ވެފައިވަނިކޮށް ރައީސްގެ މި ދަތުރުފުޅަށް އެބޭފުޅުންގެ މެސެޖު ދެއްވީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޕީޕީއެމްގެ އައްޑޫ އެކްޓިވިސްޓުންގެ ތެރެއިން ވެސް 'އައްޑޫލައިވް' އާޢި ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ބެނާތަކެއް ހަރުކުރުމަކީ، ޕީޕީއައްޑޫ އިސްވެރިން ރައީސް ޔާމީނަށް ކޮށްލި ފުރައްސާރައެއް ކަމަށެވެ.