ރައީސް ޔާމީން އެޅުއްވި އެއްވެސް ފްލެޓެއް އަދި ނެތް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު މިހާތަނަށް އެ މަނިކުފާނުގެ ސަރުކާރަށް އެޅުނު އެއްވެސް ފްލެޓެއް ނުހުންނާނެ ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި ބަހަމުންދަނީ އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ފެށި ފްލެޓްތައް ކަމަށެވެ. މުޅި ރާއްޖޭގައި ހުންނާނީ އެމްޑީޕީގެ ސަރުކާރުން ފައިނޭންސް ހޯދައި މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުން އެޅި ފްލެޓްތައް ވެސް އެ ރައީސް ޔާމީނަށް އުޅުއްވަނީ އިންސާފުވެރިކަމާ އެކު ދޫނުކުރެވިގެން ކަމަށާއި، އެފަދަ ބޭފުޅަކު މިއަދު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވިޔަސް މިއަދު ދިވެހި ރައްޔިތުން ހައްލާނުލެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް 10 ދުވަހަށް ވެފައިވާއިރު ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން އެ ރަށްތަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވިދާޅުވަމުން ގެންދަވާއިރު، މީގެ ކުރިން ކައުންސިލްތަކުން ގޯތި ދޫކުރަން ފެށުމުން ހައުސިން މިނިސްޓްރީއިން އެކަން ހުއްޓުމަކަށް ގެނެސްފައިވާތީ ކައުންސިލްތަކުން ސިފަކުރަނީ އެއީ ވޯޓް ހޯދުމަށް ސަރުކާރުން ވާ ދޮގު ވައުދެއްގެ ގޮތުގައެވެ.