Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޖަލްސާއަށް ނުދާ މުވައްޒަފުން ގޭގައި މަޑުކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު!

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. ޝަހީމް -

މިރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ނުދާ ސިވިލް ސާވިސް މުވައްޒަފުން ގޭގައި މަޑުކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރުތައް ބައެއް އޮފީސްތަކުން ދޭން ފަށައިފިއެވެ.

އައްޑޫގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 'އައްޑޫލައިވް' އާޢި ވާހަކަ ދައްކަމުން ބުނި ގޮތުގައި އިސްވެރިންގެ ފަރާތުން ޖަލްސާއަށް ދާ ފަރާތްތައް ބެލޭނެ ކަމަށާއި ނުދާ ފަރާތްތަކުން ގޭގައި މަޑުކޮށްލަން ވެސް ޖެހިދާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫގައި ހުރި ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ވަކި އަދަދަކަށް މީހުން ގެންދިއުމަށް ވަނީ އަންގާފައެވެ.

އައްޑޫގައި މީގެ ކުރިން ވެސް ބާއްވާ ޕީޕީއެމްގެ ޖަލްސާތަކަށް ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުން ދިއުމަށް މަޖުބޫރުކުރެއެވެ. އެފަދަ މަޖުބޫރުކުރުންތަކަށް ބޯ ނުލަނބައިގެން ބައެއް މުވައްޒަފުން މީގެ ކުރިން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފައިވާއިރު އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ނެރެފައެވެ.

ރިޔާސީ އިންތިޚާބަށް 10 ދުވަހަށް ވެފައި ވަނިކޮށް ރައީސް ޔާމީން މިއަދު އައްޑޫއަށް ވަޑައިގެންފައިވާއިރު ދަތުރުފުޅުގެ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ބުނެއެވެ.