Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމްގެ ފައުންޑަރުންނަށް އެޕާޓީ އަނބުރާ ހޯދައިދޭނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް އއ. ތޮއްޑޫ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ވެރިކަން ލިބިވަޑައިގެންފިނަމަ އިއްތިހާދުގެ ސަރުކާރެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، އެ ޕާޓީގެ ފައުންޑަރުންނަށް އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އިބޫ ވިދާޅުވީ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، ޕީޕީއެމް، އެ ޕާޓީގެ ވެރިފަރާތާއި ހަވާލުކޮށް، އެ ޕާޓީ އަށް ސަރުކާރުން ހިއްސާ ދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނަކީ ހަމައެކަނި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނޫން ކަމަށާއި، އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ޕީޕީއެމްގެ ވެސް ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.

ރާއްޖެއަށް މަލްޓިޕާޓީ ސިޔާސީ ނިޒާމު ތަޢާރަފްކޮށް، ރާއްޖޭގެ ސިޔާސީ ނިޒާމް ހަލާކުކޮށްލާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިހާރު ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރައީސް އާއި ހިންގާ ކޮމިޓީ އާއި ފައުންޑަރުން ކޮބައިތޯ ވެސް އިބޫ ވަނީ ސުވާލުކުރައްވާފައެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް މިއަދު މިދަންނަވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ޕީޕީއެމް، ޕީޕީއެމްގެ އަސްލު ފަރާތްތަކާއި، ފައުންޑަރުންނާއި، ރައީސާ އަޅުގަނޑުމެން ހަވާލުކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަތުން ފޭރުމަށްފަހު ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން އާއި ހަވާލުކުރީ 2016 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމްގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ކައުންސިލްގައި ތިއްބެވި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުން އެޕާޓީ ހިންގުމުގައި ޕާޓީގެ މުސްތަޝާރަކީ އެއްވެސް ބާރެއް ނެތް ރަމްޒީ މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ.