ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އައްޑޫ ސިޓީ އަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް 8000 ވަޒީފާ އާއި 8000 ޓޫރިސްޓު އެނދު ގާއިމް ކުރާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ތަރައްޤީ އާއި ގުޅޭ ހާއްސަ މެނިފެސްޓޯއެއް އެކުލަވާލައި، އެމެނިފެސްޓޯގެ މައުލޫމާތު އިބޫ ހިއްސާ ކުރައްވާފައިވަނީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ރަސްދޫ ރައްޔިތުންނާއި މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫގެ ތަރައްޤީގެ މެނިފެސްޓޯގެ ޕްލޭންގައި ފަތުރުވެރިކަމާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ސިޔާސަތު:
* އައްޑޫގެ ފަޅުތައް ހިއްކައިގެން 1600 އެނދު ތަރައްްޤީ ކުރުމުގެ އިތުރުން
* ހަންކެޑެ ގައި 400 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރުން
* މުލިކެ 600 އެނދުގެ ރިސޯޓަކަށް ތަރައްޤީ ކުރުން
* އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޓޫރިޒަމް ޒޯން ތަރައްޤީ ކުރުން ( ޓޫރިސްޓު ބީޗު، ހޮޓެލް، ގެސްޓު ހައުސް، މެރީނާ އާއި ފަތުރުވެރިކަމައި ގުޅުން ހުރި އެހެނިހެން ހިދްމަތް ގާއިމް ކުރުން)
* ޕިކްނިކް ދިއުމަށް ހާއްސަ 3 ޕިކްނިކް އައިލެންޑު ތަރައްްޤީ ކުރުން
* އައްޑޫގައި އިކޯ ރީޓްރީޓް ވެލްނެސް އެންޑް ސްޕާ ހޮޓަލެއް ތަރައްޤީ ކުރުން
* އައްޑޫ ނޭޗަރ ޕާކް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވަކަށް ހެދުން
* އައްޑޫގައި M.I.C.E ޓޫރިޒަމަށް ބޭނުންވާ ވަސީލަތް ތަކާއި ހިދްމަތްތައް ތަރައްޤީކޮށް ފުޅާގޮތެއްގައި ހުޅުވާލުން
* މެރަތަން، ރޯވިން، ފެތުމާއި ސައިކްލިން، ފަދަ ކުޅިވަރުތަކަށް ސްޕޯޓްސް ޓޫރިޒަމް މަންޒިލެއްްގެ ގޮތުގައި އައްޑޫ ތަރައްޤީކޮށް އިޝްތިހާރު ކުރުން
* ސްކައި ޑައިވިން އަދި ޕެރަގްލައިޑިން ފަދަ ސްކައި ސްޕޯޓްސްގެ ކުޅިވަރުތައް އައްޑޫގައި ފެށުން
* އައްޑޫގެ ސަގާފީ ދިރިއުޅުމާއި، ތާރީހީ އާދަކާދަ ދައްކުވައިދޭ ވިލަޖަކާއި، ދާރުލް އާސާރެއް ގާއިމް ކުރުން.
އައްޑޫގެ ތަރައްޤީއަށް އިއްތުހާދުގެ ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި، ސިއްހީ ހިދްމަތާއި، ޒުވާނުންގެ ތަރައްްޤީ އަދި، އިޖްތިމާއީ އަދި އުމްރާނީ ތަރައްާޤީއަށް ވަނީ ވަކިވަކިން އަލި އަޅުވާލާފައެވެ.
އިބޫ ވިދާޅުވީ މެނިފެސްޓޯގެ ކަންކަން ދިރާސާ ކުރައްވައި ރައްޔިތުންގެ މަޝްވަރާ މި މެނިފެސްޓޯއަށް ހުށަހެޅުއްވުމަށެވެ. މިއީ މިހާތަނަށް ވަކި ސިޓީއަކަށް އަމާޒުކޮށް ވަކި ވަކި ތަރައްޤީއަށް ފޯކަސް ކޮށް މިފަދަ ގޮތަކަށް ތައްޔާރު ކުރި ފުރަތަމަ މެނިފެސްޓޯއެވެ. މެނިފެސްޓޯގެ ތަފްސީލް https://jazeeraraajje.org ލިބިވަޑައިގަންނަވާނެ އެވެ.