ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބުކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އިއްތިހާދަށް 170،000 ވޯޓު މިހާރުވެސް ކަށަވަރު ކުރެވިފައިވާ ކަަމަށާއި އަދި މިހާތަނަށް ވެސް އިއްތިހާދަކުން ނުކުމެ ބަލިވެފައި ނެތުމުން މޮޅުވާނެކަމުގެ ޔަޤީންކަން އެބޭފުޅުންނަށް އެބައޮތް ކަމަށެވެ.
އެހެންކަމުން އިއްތިހާދުން ބޭނުންވަނީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ނިންމާލުމަށް ކަމަށާއި ހަމަނުޖެހުމަކަށް ދިޔުމަށް ބޭނުންނުވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ. އަދި މާރިޔާ ވިދާޅުވީ އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ހިންގުން ފަދަ ކަންކަން ކުރަނީ ބަލިވާ މީހުން ނުވަތަ ބަލިވާނެ ކަމަށް ހީކުރާ މީހުން ކަަމަށާއި މިފަދަ ވާހަކަތައް ދައްކަމުންދަނީ ރައީސް ޔާމީން ބަލިވާނެކަން އެގޭތީ ކަމަށެވެ.މާރިޔާ ވަނީ އިންތިޚާބު ނުބާއްވައި ދައުރު ދަންމާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން މާރިޔާ ވަނީ އިންތިޚާބާ ދިމާކޮށް ބަޔަކު ހަމަނުޖެހުންތަކެއް ހިންގާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނާ ބުނުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން ރިޔާސީ އިންތިޚާބު ބާއްވަނީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ކަމަށާއި އެހެންކަމުން އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ނަމަ ފުލުހުން އެކަމުގެ ތަފްސީލް ހާމަކުރަންޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން، މާރިޔާ ވިދާޅުވީ ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އިންތިޚާބު ނުބާއްވައިފި ނަމަ އެއީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އިހުމާލަކަށް ވާނެ ކަމަށެވެ.
އަދި ހަމަނުޖެހުމުގެ ވާހަކަ ތަފުސީލުކޮށް ރައްޔިތުންނަށް ސާފުކޮށްނުދީ އިންތިޚާބު ތެރޭ އެފަދަ ކަމެއް ހިނގައިފި ނަމަ ފުލުހުން ވެސް އެކަމާ ޒިންމާވާންޖެހޭނެ ކަމަށެވެ.
ވޯޓުން ބަލިވިޔަސް ހުވާކުރައްވާނީ ރައީސް ޔާމީން ކަމަށް ބުނާ ވާހަކައާއި މެދު މާޔޫސްނުވެ ހެނދުނު ހެނދުނާ ވޯޓުލާން ނުކުތުމަށް މާރިޔާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަދި 23 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި ނޮވެމްބަރު 17 އަށްފަހު ރައީސް ޔާމީނަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.