Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާކޮށްފައި ވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް އަދި ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރުގެ މައްޗަށެވެ.

އެމްޑީޕީގެ މައްޗައް އަބުރުގެ ދައުވާ ކުރަން ރައީސް ޔާމީން ނިންމަވާފައިވަނީ، އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާ ފޮޓޯ އާއި ލިޔުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ މައްސަލައިގަ އެވެ. އަދި ހަސަން އާއި އަނަސްއަށް އެ ދައުވާ ކުރަނީ އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމާ ގުޅިގެނެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ ރައީސްގެ އަބުރަށް އަރައިގެންފައިވާތީ އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އިންތިޚާބީ ޙައްޤަކަށް އަރައިގެންފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ގަވާއިދުން ތަންދޭ އެންމެ މަތީ އަދަދު (5000 ރުފިޔާ) ހޯދަން އެދިފައިވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުރުގެ ގާނޫނުގެ ޖިނާއީ ބައިތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެން ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކޮމްޕްލެއިންސް ބިއުރޯއަށް ވެސް ވެސް ވަނީ ހުށަހަޅައިފަ އެވެ.