ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޙަރަކާތްތައް ހިންގުމަށް މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗް ދޫކޮށްދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ހައުސިންގ މިނިސްޓްރީގައި އެދިފައިވީ ނަމަވެސް، އާޓިފިޝަލް ބީޗްގެ ބަދަލުގައި އަންނަ ހޮނިހިރު ދުވަހަށް ކާނިވާ ސަރަޙައްދު އެ ޕާޓީ އަށް ދޫކުރަން ހައުސިންގ މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، އެ ތަން އެއްވެސް ހަރަކާތަކަށް ދޫނުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން އާޓިފިޝަލް ބީޗްގެ ބަދަލުގައި އިދިކޮޅު ކެމްޕެއިން ޙަރަކާތްތަކަށް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން އެ ރޭ މެންދަމު 00:00 އާއި ހަމައަށް ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކުރަން ނިންމައި އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށްވެސް ފަޒާލް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތަކަށް ތިން އަހަރު ދުވަހަށް ފަހު ހައުސިންގ މިނިސްޓްރީން ހުސް ބިމެއް ދޫކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އިއްތިހާދުގެ ބޮޑު ޖަލްސާ ވެގެންދިޔައީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާއަށެވެ.