ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫންގެ ޤާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ވަކީލުކަމުގެ ހުއްދަ އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޝަމީމްގެ ނަމުގައި ހުޅުވާފައިވާ ޓްވިޓާ އެކައުންޓުން ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓާއި ގުޅޭގޮތުން އޭނާ އާއި ސުވާލުކުރުމަށްފަހު، އެ ޢަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދާއި ޚިލާފު ޢަމަލަކަށް ވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން 03 މަސް ދުވަހުގެ މުއްތަދަށް މަނާކުރުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކުރި ސަސްޕެންޝަން އުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ފުލުހުން ތަހުގީގުކުރަމުން ގެންދިޔަ، މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް ވަނީ ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަން އުވާލާފައިވަނީ ޖުލައި މަހުގެ 12ގަ އެވެ.