އައްޑޫ ސިޓީީގެ ތަރައްގީއަށް އެޅުނު އެންމެ ބޮޑު އެއް ހުރަހަކީ 8 ފެބްރުއަރީ 2012 ގައި އައްޑޫ ސިޓީގެ އަވަށްތަކުގައި ހިންގި ޓެރަރިސްޓު އަމަލާތައް ނުވަތަ ހުޅުޖެހުން ކަމަށް ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވައިފިއެވެ.
މިރޭ ހިތަދޫގައި ޕީޕީއެމުން ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުންނަކީ ތަހުޒީބެއް ހަލާކުކޮށްލާފައިވާ ބަޔެއް ކަމަށެވެ. އަދި އެދުވަހު އައްޑޫގައި ހުޅު ނުޖެހިނަމަ، ލިބުނު ގެއްލުން އިއާދަ ކުރަން ނުޖެހުނުނަމަ ކިތައް ކަންކަން މި ސިޓީގައި ކުރެވޭނެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.
ރައީސް ޔާމީން މިރޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ސިޓީއަކަށް ހަދާ ދެއްވީ އެމަނިކުފާނު ކަމަށެވެ. އަދި އޭގެ ކުރިން މިސިޓީ އަކީ ހަމައެކަނި ލިޔުމުން ސިޓީއެއްގެ ގޮތުގައި އޮތް ސިޓީއެއް ކަމަށާއި އިތުރަށް ވެސް ތަރައްގީ ގެނެވޭނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެފައެވެ.