Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ކޮން އެއް ބުރެއް، ހަ ބުރެއް ކިޔާކަށް: އައިޝަތު

ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާ އެމްޑީޕީން އެއްބުރުން އިންތިހާބް ކާމިޔާބް ކުރާނެ ކަމަށް ބުނަމުންދާތީ ކޮން އެއް ބުރެއް، ހަބުރެއް ކިޔާކެއް ކަމަށާއި އެމްޑީޕީއަކަށް އިންތިހާބް ކާމިޔާބް ނުކުރެވޭނެ ކަމަށް ފޭދޫގެ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު އިބްރާހީމް ބުނެފި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކުރިމަތީގައި "ޕީޕީއެމް ތިން ގުނަ" ހިތަދޫ ޖަލްސާގައި ވާހަކަ ދައްކަމުން އައިޝަތު ވަނީ އެމްޑީޕީއަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އައިޝަތު ބުނީ ނަޝީދުގެ ވެރިކަމުގައި އައްޑު އަށް ތަރައްގީތަކެއް ގެނައި ކަމަށް ވާހަކަ ދެއްކި ނަމަވެސް އެ ބުނާ ތަަރައްގީއެއް އޭނާ ވެސް ދިރިއުޅެމުން އަންނަ އައްޑުއަކުން ނުދެކޭ ކަމަށެވެ. އަދި ތަރައްގީގެ ނަމުގައި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހަދައި ކުރިހާ ވެސް ކަމަކީ އެކުވެރިންނާއި ތިމާގެ މީސްމީހުންނަށް ފައިސާ ބެހުން ކަމަށް އައިޝަތު ބުންޏެވެ. އަދި ރައްޔިތުންގެ ލާބަ އަށް އެއްވެސް ކަމެއްކޮށްފައި ނުވާ އިރު އެމްޑީޕީގެ ވެރިކަމުގައި ކުރީ ހުސް ވައްކަން ކަމަށް އޭނާ ބުންޏެވެ.

އަދި ނަޝީދު "ތަހުތުން ފުންމާލައި" މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އައްޑު އަށް ގެނެސްފައި ހުރި ތަރައްގީގެ ތެރެއިން އެތައް އިމާރާތެއްގައި ހުޅު ޖަހައި، އަޅިއަށް ހަދާލީ ރައްޔިތުންގެ ލޯ ކުރިމަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންވެ އެ ފެންވަރުގެ ބަޔަކަށް ކިތަންމެ ބާރަށް އެއް ބުރުންނޭ ކިޔަސް އިންތިހާބް ކާމިޔާބް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޕީޕީއެމުން ކަމަށް އައިޝަތު ބުންޏެވެ.