Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސްގެ ދަތުރުފުޅަށް ހުރަސް އަޅަން ރާވާކަމަށް ބުނެ ހިތަދޫ ޖޭޕީ ޖަގަހަ ފާސް ކުރަން އަމުރެއް ނެރެފި

ރައީސް އަބްދުﷲ ޔާމީން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ހުރަސް އަޅަން ރާވާ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިގެން ހިތަދޫ އަލި، ހުސެއިން ސޯލިހުގެ ގޯތި ތެރޭގައި ހުރި ޖުމްހުރީ ޕާޓީގެ ޖަގަހަ ބަލައި ފާސް ކުރުމުގެ ކޯޓު އަމުރެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފިއެވެ.

ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ 2018 ސެޕްޓެމްބަރ 13 ވަނަ ދުވަހު ރައީސް އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީގެ އެކި ރަށްތަކުގައި ސަރުކާރާއި ދެކޮޅަށް ޝިއާރުތައް ލިޔެ ބެނާ ދެމުމަށް ރާވާ އަދި ލައުޑު ސްޕީކަރ ބޭނުންކޮށްގެން އަޑުބާރުކޮށް ލަވަޖަހައި، ދަތުރަށް ހުރަސް އަޅާ އުނދަގޫކޮށް އާއްމު މަސްލަހަތު ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ މިއަމަލު ހިންގާކަމުގައި ވަނީ ނަމަ މައްސަލަ އާއި ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށައް ގެނައުމަށާއި، އެތަން ވަގުތީ ގޮތުން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ގާނޫނީ އުގޫބާތު)ގެ 615 ވަނަ މާއްދާއިން އާއްމު މަސްލަހަތަށް ގެެއްލުން ކުރުމުގެ ކުށުގެ ދަށުން ފުލުހުންނަށް ،ލިބިފައިވާ އިންޓަލިޖެންސް މައުލޫމާތުގެ ދަށުން ތަން ބަލައި ފާސް ކުރުމަށެވެ.

ފުލުހުން ވަނީ ރައީސް އަބްދުﷲ ޔާމީން ހިތަދޫއަށް ވަޑައިގަތުމުގެ ކުރިން ޖޭޕީ ޖަގަހައަށް ވަދެ އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓުވާފައެވެ. އަދި ތަން ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:20 އާއި ހަމައަށް ބަލައި ފާސް ކުރުމުގެ މުއްދަތު ދީފައެވެ.