Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މިއިންތިޚާބުގައި ޔާމީން ލަދުގަންނަވާލާނަން: އަލީ ޒާހިރު

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ރައީސް އަބްދުﷲ ޔާމީން ލަދުގަންނަވާލާނެ އިންތިޚާބަކަށް ވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު އިއްތިހާދުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ޖެއްސެވި ހިސާބު އެއް ގޮތަކަށް ވެސް ރަނގަޅެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިނުވާން އެންގުމަށް ޖެއްސެވި ހިސާބު ރަނގަޅު ނޫން ކަމަށާއި ބްރިޖު އަޅާފައި އޭގެ ހެއްލުމުގައި ރައްޔިތުން އޮޅިދާނެ ކަމަށް ޖެއްސެވި ހިސާބުވެސް ރަނގަޅެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަދި މިމަހުގެ 23 ވަނަ ދުވަހަކީ ދުވަހަކުވެސް މީހަކު ވޯޓަކުން ބަލިނުވާ އަދަދަކުން ރައީސް ޔާމީން ބަލިވެގެން ދާނެ ވޯޓަކަށް ވާނެ ކަމަށާއި އިންތިޚާބަށް ފަހު އެމަނިކުފާނު ލަދުގަންނަވާލަން ދިވެހިން ތައްޔާރަށް ތިއްބެވި ކަމަށެވެ.

ރޭގެ ޖަލްސާގައި އަރި އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ރޭގެ ޖަލްސާގައި އަރި އަތޮޅުގެ ރައްޔިތުންނަށް ގާސިމް އިބްރާހިމްގެ ޚާއްސަ މެސެޖެއް ވެސް ފޮނުވާފައިވެއެވެ. ގާސިމް ވިދާޅުވެފައިވަނީ އިބޫއަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ ރަށަކީ މާމިގިލި ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.