Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

އިބޫގެ ޓޫރިޒަމް ސިޔާސަތު ހާމަކުރައްވައިފި

ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އޮތް ފަސް އަހަރުތެރޭ 35،000 އެނދު ޤާއިމްކޮށް، ފަތުރުވެރިކަން ފުޅާކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައިވަނީ އދ. މާމިގިލީގައި އިދިކޮޅު އިއްތިހާދުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިންނާއި މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިބޫ ވިދާޅުވީ ރާއްޖެ ތަރައްޤީކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށެވެ. އެގޮތުން އިޤްތިޞާދުގެ ރޫފަ ރަނގަޅުކޮށް، އަތްމަތި ތަނަވަސްކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ދާއިރާ ތަރައްޤީކޮށް، ވީހާވެސް ގިނަ ބަޔަކަށް އެދާއިރާގެ ފައިދާ ލިބޭ ގޮތް ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީ ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން މާމިގިލީގައި ބާއްވަމުން ގެންދަވާ ޖަލްސާ: ފޮޓޯ ސޯޝަލް މީޑިއާ ޓްވިޓާ

އިބޫ ވިދާޅުވީ 35،000 އެނދު ހަމަކުރާނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް ހިމެނޭ ގޮތަށްކަމަށެވެ. އޭގެ ތެރެއިން 17،000 އެނދު ތަރައްޤީކުރާނީ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ ހިމެނޭ ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުގައި ކަމަށާއި މެދުރާއްޖެތެރޭގައި، މާލެ ސަރަހައްދު ހިމެނޭ ގޮތަށް 10،000 އެނދު އަދި އުތުރުގެ ހިސާބުތަކުގައި 18،000 އެނދު ތަރައްޤީކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް އިބޫ ވިދާޅުވީ އެކަން ކުރައްވާނީ މާކެޓް ފްލަޑް ނުވާނެހެން އަދި އަގުތައް ނުވެއްޓޭނެހެން، ރަނގަޅަށް މާކެޓް ކޮށްގެންކަމަށެވެ.

ރިސޯޓު ހަދަން ކުއްޔަށް ދޫކޮށްފައިވާ ގިނަ ރަށްތަކެއް ނުހެދި ހުރިކަން ފާހަގަ ކުރައްވާ އެފަދަ ރަށްތައް ހެދުމަށްޓަކައި ފައިނޭންސް ލިބޭނެ ގޮތްތަކެއް ހޯދައިދެއްވާނެކަމަށް އިބޫ މީގެ ކުރިން ވިދާޅުވި ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އެގޮތުން ޕްރައިވެޓް އިންވެސްޓަރުންނާއި، ބޭރުގެ ފައިނޭންޝަލް މާކެޓްތަކުންނާއި އިސްލާމިކް ފައިނޭންޝަލް މާކެޓް މެދުވެރިކޮށް އެކަމަށް ބޭނުންވާ އެހީ ހޯދައިދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ނަފާ މިހާރުއްސުރެ ބޮޑަށް ރައްޔިތުންގެ މެދުގައި ބެހޭނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށާއި، އެސްއެމްއީ ބޭންކް މެދުވެރިކޮށް ލުއި ގޮތަކަށް ފައިނޭންސް ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އިއްތިހާދުގެ ސަރުކާރެއްގައި ޓޫރިޒަމް ޕްރޮމޯޓް ކުރަން މިހާރު ޚަރަދުކުރާ އަދަދު ތިންގުނައަށް ބޮޑުކޮށް ދުނިޔޭގެ އެކި މާކެޓްތަކަށް ރާއްޖޭގެ ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. ޓޫރިޒަމް ސެކްޓަރ ޑައިވާސިފައި ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ކަލްޗްރަލް، މެޑިކަލް އަދި އިސްލާމިކް ޓޫރިޒަމްއަށް ހުޅުވާލަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މާމިގިލީގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ވަނީ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެފައެވެ.