Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މާމިގިލި އިދިކޮޅު ޖަލްސާ ރޭ ހިތަދޫގައި ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއަށް ވުރެ ބޮޑު!؟

ރޭ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު، މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅޭ އައްޑޫ ސިޓީ ހިތަދޫގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާއަށް ވުރެ ގިނަ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ހިތަދޫ ޕީޕީއެމް އެކްޓިވިސްޓުންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރު" ކުރިކަމުގެ ޝަކުވާތައް އަނެއްކާވެސް ގިނަވެފައިވި ނަމަވެސް ރޭގެ ޖަލްސާގައި ހުސްގޮނޑިތައް ގިނަ ކަން ފާހަގަކުރެވުނެވެ. އަދި ޖަލްސާގައި މީހުން އިށީނުމަށް ޖަހާފައިވާ ގޮނޑިތައް ނުފުރުމުން ފަހުން ނަގާފައިވާ ކަމަށް ބައިވެރިވި މީހަކު ކިޔާދީފައިވެއެވެ.

ރޭ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖަހާފައިވަނީ 1670 ގޮޑިކަމަށްވީއިރު އެގޮޑިތައް މުޅި އަތޮޅުން ފުރާނުލެވުނު ކަމަށް ބުނެ ދަނީ ފާޑު ކިޔަމުންނެވެ.

ރައީސް ޔާމީން ވަނީ މިއަދު ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގެ ޖަލްސާގައި މީހުން މަދުވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ރައީސް ވަނީ ފޭދޫ ރައްޔިތުންގެ ކިބައިން ހިތަދޫ ރައްޔިތުންނަށް ވިސްނައިދިނުމަށް އެދިވަޑައިގެންފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީއަށް ނިމިގެން ދިޔަ ކައުންސިލް އިންތިޚާބާއި އޭގެ ކުރިން ބޭއްވުނު މަޖިލިސް އިންތިޚާބުގައި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނު ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ހިތަދޫ ތަރައްގީ ކުރެއްވީ ރައްޔިތުން ހޮއްވެވި މެމްބަރުންނާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މީހުން މަދުވުމުގެ އިތުރުން އިއްޔެ ހުޅުމީދޫއަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ފާލަން ކައިރީގައި ތިއްބެވީ ގަން އެއާޕޯޓުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވި ބޭފުޅުން ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް އާންމު އަންނަނީ މިފަދަ ކަންކަމުން ދޭހަވަނީ އައްޑޫ ޕީޕީއެމް އެކްޓިވިސްޓުން ރައީސް ޔާމީން ވަޑައިގަންނަވާތީ ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ފާޑުކިޔާފައެވެ.

ސޯޝަލް މީޑިއާގައި ފާޑު ވިދާޅުވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އދ. މާމިގިލީ އަކީ ނިސްބަތުން ހިތަދޫއަށް ވުރެ މާ ބޮޑަށްވެސް އާބާދީ މަދު ރަށެކެވެ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރުން ހުޅުމީދޫންވެސް ރޭގެ ރައީސްގެ ޖަލްސާއަށް މީހުން ގެނެސްފައިވެއެވެ. އަދި ދަތުރު ފަތުރު ނިޒާމްގެ ތެރެއިން ބަހާއި، ދޯނިތައް ތައްޔާރުކޮށްފައިވާ އިރުވެސް މީހުން ޖަލްސާއަށް ނުދިއުމުން އައްޑޫން ރައީސް ޔާމީނަށް ތާއިދު ނެތްކަން ދޭހަވެއެވެ.