Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހިތަދޫން ތާއީދެއް ނުލިބުމުން ރައީސް ނުރުހިފައި

އައްޑޫ ސިޓީގެ ހިތަދޫ އިން ރައީސް އަބްދުﷲ ޔާމީނަށް އަދިވެސް ތާއީދެއް ނެތް ކަން ގަބޫލުފުޅުކުރައްވައި އެކަން ބަދަލުކޮށްދެއްވުމަށް މިއަދު ފޭދޫ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ފޭދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ހިތަދޫގައި އަދިވެސް އެންމެ ތާއީދު އޮތީ ކުރީގެ ރައީސް ނަޝީދަށް ކަމަށެވެ. އަދި އެ ތާއީދު އެމަނިކުފާނަށް ރައްޔިތުން ދެއްވަނީ ކޮން ސަބަބަކާ ލައިގެން ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފޭދޫ ރައްޔިތުން ހިތަދޫ ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށް "ވެކްސިނެއް" ހޯއްދަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރޭގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީއަށް ހިތަދޫން، މަޖިލިސް އިންތިޚާބުގައި ވެސް އެންމެ ގޮނޑިއެއް ވެސް ލިބިފައިނުވާ ކަން ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ހިތަދޫ ތަރައްގީ ކުރެއްވީ ހިތަދޫގެ އެއްވެސް މަޖިލިސް މެމްބަރަކާ ނުލާ ކަމަށެވެ. އަދި އެބޭފުޅުން ބަޖެޓަށް ވޯޓު ދެއްވާފައިނުވާ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވި ނަމަވެސް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވަނީ 2018 އަށް ލަފާ ކުރާ ބަޖެޓަށް ވޯޓު ދެއްވާފައެވެ.

މިއަދު ފޭދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ ހިތަދޫ އިން އެމަނިކުފާނަށް ތާއީދު ލިބޭތޯ 23 ވަނަ ދުވަހު ބައްލަވާނެ ކަމަށެވެ. އަދި މީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލަން ހިތަދޫ ރައްޔިތުން ބޭނުންފުޅު ވާތޯ އެމަނިކުފާނު ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިތަދޫއަށް އެކަނި 1.4 ބިލިއަން ރުފިޔާގެ ތަރައްގީ ގެނެސްފައިވާ ކަމަށް ރޭ ވިދާޅުވެފައިވާއިރު ރައްޔިތުން އަންނަނީ އެ މަޝްރޫއުތަކުގެ ތަފްސީލު ރައީސްއަށް ނުދެއްވުނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި ހިތަދޫގެ މަގުތަކާއި ސިއްހީ ނިޒާމް ހަރުދަނާ ވެފައިނުވަނީ ކީއްވެތޯ ސުވާލު އުފައްދަން ރައްޔިތުން ވަނީ ފަށާފައެވެ.