Last Updated: April 24, 12:21
Wednesday, April 24, 2024
ތިމާވެށި

"ދުނިޔެ ސާފުކުރާ ދުވަސް" އާއި ގުޅިގެން ހިތަދޫ ސާފުކުރަނީ

ހިތަދޫ ކިނބި ވައު - ފޮޓޯ: އައްޑޫލައިވް

ދުނިޔެ ސާފުކުރާ ދުވަހާއި ގުޅިގެން ހިތަދޫގެ "ކިނބި ވައު" ސަރަޙައްދު ސާފުކުރަން ދެ ޖަމިއްޔާއަކުން އިސްނަގައިގެން ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

'ޖޭސީއައި އައްޑޫ' އާއި 'ލެޓްސް ޑޫ އިޓް! މޯލްޑިވްސް' ގުޅިގެން ބާއްވާ މިޙަރަކާތް އޮންނާނީ މާދަމާ ހެނދުނު 07:30 އިން ފެށިގެން 10:30 އާއި ހަމައަށެވެ.

މި ޙަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާދަމާގެ ޙަރަކާތް އަމާޒްކޮށްފައި ވަނީ ހިތަދޫ ކިނބި ވައު ސަރަޙައްދު ސާފުކުރުމަށް ކަމަށެވެ.

ދުނިޔެ ސާފުކުރާ ދުވަހުގެ ޙަރަކާތްތައް މާދަމާ ދުނިޔޭގެ 150 ޤައުމެއްގައި ކުރިއަށްގެންދާނެ އެވެ. އަދި އެ ޙަރަކާތްތަކުގައި އެތައް މިލިއަން މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

މި ދުވަހަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކައި 2008 ވަނަ އަހަރު 'ލެޓްސް ޑޫ އިޓް! ވޯލްޑް' އިން އިސްނަގައިގެން ފާހަގަކުރަން ފެށި ދުވަހެކެވެ.

'ލެޓްސް ޑޫ އިޓް!' ޙަރަކާތުގެ މަޤްސަދަކީ ކުނި ސާފުކުރުމުގެ އިތުރުން ދުނިޔެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނައުމެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ޖޭސީއައި އައްޑޫ އާއި ލެޓްސް ޑޫ އިޓް! މޯލްޑިވްސް އިން ވަނީ ހިތަދޫގެ ވީހާ ވެސް ގިނަ ރައްޔިތުން މިހަރަކާތުގައި ބައިވެރިވެ، ވެށި ސާފުކުރުމަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.