Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެމްއެމްއޭގެ ސްކޮލަޝިޕަށް ފުރުޞަތު ހުޅުވާލައިފި

އެމްއެމްއޭ ހެޑް އޮފީސް - ފޮޓޯ: މުހައްމަދު ޝަރުހާން (މިހާރު)

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައި ވަނީ އާސިއާން ނުވަތަ މެދުއިރުމަތީގެ ޤައުމަކުން އިސްލާމިކް ފައިނޭންސް ދާއިރާ އިން މާސްޓަރސް ޑިގްރީ ހެދުމަށް ކަމަށެވެ.

މި ސްކޮލަރޝިޕަށް ކުރިމަތި ލެވޭނީ އިކޮނޮމިކްސް، ބިޒްނަސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ފަދަ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

މި ސްކޮލަރޝިޕަށް ހޮވޭނީ އެކެޑަމިކް މެރިޓް އަދި އިންޓަވިއުއިން ލިބޭ މާރކްސް އާއި މަސައްކަތު ތަޖުރިބާ އަށް ބެލުމަށްފަހު، އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ.

މި ސްކޯލަރޝިޕް އަށް ހޮވޭ ފަރާތްް ކިޔެވުމަށް ފުރަންޖެހޭނެ ކަމަށް ލަފާކުރާ ތާރީޚަކީ ޖަނަވަރީ 2019 އެވެ.

މި ސްކޮލަރޝިޕަށް ހޮވޭ ފަރާތެއްގެ ޓިއުޝަންފީ، ވިސާ ފީ، ދެކޮޅު ޓިކެޓު، ބުކް އެލަވަންސް، ސްޓައިޕެންޑް، އެސްޓަބްލިޝް އެލަވެންސް އަދި ޑިޕާޗަރ އެލަވަންސް އެމްއެމްއޭގެ ފަރާތުން ހަމަޖައްސައިދެވޭނެ އެވެ.

މީގެ އިތުރުން ސްކޮލަރޝިޕް ލިބޭ ދަރިވަރަކު ކިޔަވަން ޖެހޭނީ އެމްއެމްއޭ އިން ކަނޑައަޅާ ޔުނިވަރސިޓީ އަކުން ކަމަށާއި ކޯސް ފުރިހަމަ ކުރާ ފަރާތަކުން ހަތަރު އަހަރާއި ހަ މަހުގެ މުއްދަތަކަށް އެމްއެމްއޭ އަށް ޚިދުމަތް ކުރަން ޖެހޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

މި ސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 20 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ އެމްއެމްއޭ އިދާރާއަށެވެ.

އެޕްލިކޭޝަން ފޯމު އެ އޮތޯރިޓީގެ ވެބްސައިޓް http://www.mma.gov.mv އިންް ލިބެން ހުންނާނެވެ.