Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ހިންނަވަރު ދެ ކައުންސިލަރުން އިދިކޮޅާއި ގުޅިވަޑައިގެންފި

ޅ. ހިންވަރުގެ ދެ ކައުންސިލް މެމްބަރުން މިރޭ ގުޅިފައިވާ އިދިކޮޅު އިއްތިހާދާއި ގުޅިވަޑައިގެންފިއެވެ.

އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވަޑައިގަންނަވާ ހިންނަވަރު ޖަލްސާގައި އިދިކޮޅާއި ގުޅިވަޑައިގެންފައިވަނީ ހިންނަވަރު ކައުންސިލް ތަމްސީލު ކުރައްވާ ދެ ޕީޕީއެމް މެމްބަރުން ކަމަށްވާ އަހުމަދު ރިޝްވާން އަދި އިބްރާހިމް އާތިފެވެ. އާތިފް އަކީ ލ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއެވެ.

ދެބޭފުޅުން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން އިބޫ ވަނީ ދެބޭފުޅުންނަށް ވެސް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ގައުމު އިސްލާހު ކުރުމަށް ނެންގެވި ފިޔަވަޅަށް ސާބަސް ދެއްވާ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ ބޯޑް މެމްބަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ވަނީ މަގާމުން އިސްތިއުފާ ދެއްވައި، އިބޫ ސޯލިހާއި އިއްތިހާދު ކެމްޕޭން ޓީމާއި ގުޅިވަޑައިގެންފައެވެ.