ޕީޕީއެމް އިން ބާއްވާ ބޮޑު ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގިނަ މަސައްކަތްތަކެއްކޮށް ގިނަ ތަހުލީލުތަކެއް ކުރުމަށް ފަހު މިހާރު މެނިފެސްޓޯ ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އޭގެން އެތައް ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ފަދަ މެނިފެސްޓޯއެއް ތައްޔާރުކޮށްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި އެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެނިފެސްޓޯގައި ލިޔާނީ ކުރެވޭނެ ކަންކަން ކަމަށާއި އަދި ގަބޫލު ކުރެވޭނެ ކަންކަން ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ ވާހަކަތަކަކަށް ވެގެން ދާނެ، ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ ދެ ކެންޑިޑޭޓުން ވެސް އަދި މެނިސްފެސްޓޯ އާންމު ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ދެ ކެންޑިޑޭޓުން ވެސް ދަނީ ކެމްޕޭނު ދަތުރުފުޅު ތަކުގައި މެނިފެސްޓޯގައި ހިމެނިފައިވާ ގިނަ ވައުދުތަކެއްގެ ވާހަކަތައް ދައްކަވަމުންނެވެ.